މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބުނު ވިޔަފާރީގެ ގެއްލުންތައް ވަޒަންކޮށް އޮޑިޓް އޮފީހުން ތައްޔާރުކޮށްފައިވާ ރިޕޯޓު އެ ކުންފުންޏާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ގެ މާލެ ހައި ކުންފުންޏަށް އެ ރިޕޯޓު ދޭން އޮޑިޓް އޮފީހުން އިންކާރު ކުރުމުން، އެ މައްސަލަ ކޯޓަށް ހުށަހެޅީ އެ ކުންފުނީގެ ފަރާތުންނެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ ރިޕޯޓަކީ މާލެ ހައި ކުންފުންޏަށް ލިބެންޖެހޭ ރިޕޯޓެއް ކަމަށާއި އެހެންކަމުން، އެ ރިޕޯޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ހަތް ދުވަހުގެ ތެރޭގައި އެ ކުންފުންޏާ ހަވާލުކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. މި މައްސަލައިގައި އޮޑިޓް އޮފީހުން ޝަރީއަތަށް އެއްވެސް ޖަވާބެއް ހުށަހަޅާފައި ނުވާކަން ފާހަގަކުރެވެ އެވެ.
މި މައްސަލައަކީ މަންދު ކޮލެޖު ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދޫކޮށްފައި ހުރި އިމާރާތް، އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައި ނުވާ ކަމަށް ބުނެ 2015 ވަނަ އަހަރު އަތުލުމާ ގުޅިގެން އުފެދުނު މައްސަލައެކެވެ.
ހައި ކޯޓާއި ސުޕްރީމް ކޯޓުން ވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ހުކުމްކޮށްފަ އެވެ. އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން މާލޭ ހައި އިން ވަނީ ދައުވާކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން 2020 ވަނަ އަހަރު އެދިގެން އޮޑިޓް އޮފީހުން ހެދި އެސެސްމަންޓް ރިޕޯޓުގައި ބުނެފައިވަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭނީ 1.2 މިލިއަނާއި 1.5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ.
ނަމަވެސް މާލެ ހައި އިން ބުނަމުންދަނީ އެ ރިޕޯޓަކީ ކުންފުނީގެ އެއްވެސް ބަހެއް ނުވަތަ ލިޔެކިޔުމެއް ބެލުމެއް ނެތި ތައްޔާރުކޮށްފައިވާ، ބައިނަލްއަގްވާމީ މިންގަނޑުތަކާ ހިލާފު ބާތިލް ރިޕޯޓެއް ކަމަށެވެ.
މާލެ ހައި ކުންފުނިން ކޯޓުގައި ބުނެފައިވަނީ، ކުންފުނީގެ މުދަލާއި ވިޔަފާރިއަށް ލިބިފައިވާ ގެއްލުން އަދުލުވެރިކަމާއެކު ވަޒަންކުރެވޭނީ އެ ކުންފުނީގެ ބަހެއް ވެސް ހޯދައިގެން ކަމަށް ދެކޭ ކަމަށެވެ.
މިހާތަނަށް އެ ރިޕޯޓު އޮޑިޓް އޮފީހުން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވި ނަމަވެސް، މާލެ ހައި ކުންފުންޏަށް އެ ރިޕޯޓު ދިނުމަށް އޮޑިޓް އޮފީހުން އައީ އިންކާރު ކުރަމުންނެވެ.

ޕްރިމިއާ ލީގުގެ 4 ކުޅުންތެރިއަކަށް ނަސްލީ ތަފާތުކުރި މައްސަލައެއް