ހުޅުމާލެ އުތުރުގެ ރައްޔިތުން މިއަދު އެދެމުންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އަޅުވެތިކަމުން ހުޅުމާލެ މިނިވަންވާނެ ދުވަހަކަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ އުތުރަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ، ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ފަރާތުން މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރާ އާދަމް އާޒިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޒާޔާ ވިދާޅުވީ ހުޅުމާލެ އުތުރުގެ ރައްޔިތުން، ހާއްސަކޮށް ދަފުތަރުގައި ހިމެނޭ ރައްޔިތުންނަށް ޒަމާނުއްސުރެ ކުރިމަތިވަމުންދާ ބޭއިންސާފުން މިންޖުވެ، މާލޭގެ ރަށްވެހިންނާ އެއް ހަމައެއްގައި ދިރިއުޅެވޭނެ މަގު ފަހިވާންޖެހޭ ކަމަށެވެ. އަދި ހުޅުމާލެ ފޭސް 2 ގެ ނަމުގައި އޮތް "ހަނަފަސް ސަހަރާ"ގެ ދަންތުރައިން މިންޖުވެ، އުސް ޓަވަރުތަކުގައި އުޅެމުންދާ ދަތި ދިރިއުޅުމަށް ނިމުމެއް އަންނަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޒާޔާ ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައެއްގެ ގޮތުގައި ސިފަކުރެއްވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
"އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ތަނެއް ނޫނޭ. އެ ވިދާޅުވާ ފަށަލައަކީ ކޮރަޕްޝަނާއި ވައްކަމުގެ މަތީގައި އަޅާ ފަށަލައެއް،" ޒާޔާގެ ވާހަކައިގައި ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލްގެ މިހާރުގެ ހާލަތަށް އަލިއަޅުވާލަމުން ޒާޔާ ތުހުމަތުކުރި ގޮތުގައި، މުޢިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ބަހާލި ބިންތަކުގެ މައްސަލައެއް ކައުންސިލަށް ހުށަހެޅޭ ދުވަސްދުވަހު، ޕީއެންސީގެ މެންބަރުން ޖަލްސާތަކަށް ހާޒިރު ނުވެ ބަލިވެ އުޅޭކަމުގެ އުޒުރު ދައްކަ އެވެ. މިއީ ހިންގާފައިވާ ހިޔާނާތްތައް ފޮރުވުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
އެމްޑީޕީން އިތުރަށް ބުނީ، އޭޕްރީލް 4 ވާ ހޮނިހިރު ދުވަހަކީ ހުޅުމާލެ އުތުރަށް ދިރުން އަންނާނެ ދުވަސް ކަމަށާއި، އެ ދުވަހު މާލެ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ. އަދި ސަރުކާރުން ރާއްޖޭގެ ފަޅުތަކާއި ގިރިތައް ވިއްކާލުމަށް ކުރާ މަސައްކަތްތަކާއި، ހިންގާ ވައްކަންތައް ހުއްޓުވުމަށް އެމްޑީޕީން ވަރުގަދައަށް ނުކުންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދީފަ އެވެ.
މީގެ އިތުރުން ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއްގެ ގޮތުގައި ސިފަކުރައްވަމުން ޒާޔާ ވިދާޅުވީ މި ރާއްޖޭގައި މި އޮތް ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން އުފެއްދި އުފެއްދުމެއް ކަމަށެވެ.
އެ ހާލީގެ ކޮންމެ ފަތްކޮޅެއް ކޮންމެ ނަރު ކޮޅެއް ވެސް ގަހުގައި ގެންގޮސް ބޭއްވީ އެމްޑީޕީގެ މެމްބަރުން ތުނބުލައިގެން ކަމަށާއި އެ ހާއްޔަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މިލްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒާޔާ ވިދާޅުވީ އެމްޑީޕީ ހެދި އެ ލާމަރުކަޒީ ހާއްޔަށް ބިސް އެޅީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމްޑީޕީ މެމްބަރުން ކަމަށާއި އެ ބިސް ފީ ކުރީ ވެސް އެމްޑީޕީން ކަމަށެވެ. އަދި އެ ހާއްޔަށް އުފަންވި ރީތިރީތި ދޫނިތައް ބަނޑުފުރާނަ މުއްތި ކުރާނޭ ގޮތް ހައްދަވައި ދެއްވައި ބޮޑުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީ މެމްބަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިއަދު ވެރިކަން ކުރާ ޕާޓީ ޕީއެންސީން ދަނީ އެމްޑީޕީގެ ބުރަ މަސައްކަތުން ގެނައި ލެޔާއި ދާ އޮހޮރުވާލައިގެން ހެދި ލާމަރުކަޒީ ހާލި ވައްޓައިލައި ނެތިކޮށްލަން މަސައްކަތް ކުރަމުން ކަމަށް ޒާޔާ ވިދާޅުވީި އެވެ، އަދި ހަމަހިލާ ޕީއެންސީން އެކަން ކުރިޔަ ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމަކީ އެއީ ބާރުތައް ވަކިކޮށް ވެރިކަން ކުރާ ނިޒާމުކަން ފާހަގަކުރައްވައި ޒާޔާ ވިދާޅުވީ އެއީ ހުރިހާ ބާރެއް އެކަކުގެ އަތަށް މަހާނުލެވޭ ނިޒާމު ކަމަށާއި އެ ނިޒާމުގައި ރަށްރަށުގެ ކަންކަން ނިންމުމުގެ ބާރު އޮންނާނީ އެ ރަށެއްގެ ރައްޔިތުންގެ އަތް މަތީގައި ކަމަށެވެ.
އޭނާ ވިދާޅުވީ މާލޭގައި ވެރިކަން ކުރި ނަމަވެސް މިއީ ވެސް ހަމަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި ގާނޫނުން މި މާލޭގެ އިހުތިސާސް ކަނޑައަޅާފައި އޮތީ އިދާރީ ދާއިރާގެ ތެރޭގައި ހުޅުމާލެ ވެސް ހިމަނައިގެން ކަމަށެވެ. އަދި ހުޅުމާލޭގެ ރައްޔިތުން އެދޭ ކަންތައްތަކެއް ވެސް އެބަހުރި ކަމަށާއި ރައްޔިތުންގެ އާދޭހާއި ޝަކުވާގެ ރުއިމުގެ އަޑު އެންމެ ގަދައަށް އިވެނީ ހުޅުމާލެ އުތުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހާދިސާއަކާ ގުޅިގެން ވެމްކޯގެ މުވައްޒަފަކު ވެންޓިލޭޓަރުގައި
ބަންގީގެ އަޑަށް ހިތް ލެނބި އިސްލާމްވި އުޚުތެއް!