ފުވައްމުލަކު މަސްމާރުކޭޓުން މަސް ވިއްކާ ގަޑިތައް ފަސޭހައިން އާންމުންނަށް އެނގޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން، ގޭގައި ތިބެގެން މާރުކޭޓުގެ އެތެރެ ވަގުތުން ބަލާލެވޭނެ އިންތިޒާމު ފުވައްމުލައް ސިޓީ ކައުންސިލުން ހަމަޖައްސައިދީފި އެވެ.

"ސިޓީ ކޭމް" ލޭބަލްގެ ދަށުން މި ހިދުމަތް ރަސްމީކޮށް ފަށާފައި ވަނީ އަންގާރަ ދުވަހު އެވެ.

މި އިންތިޒާމުގެ ދަށުން، މަސްމާރުކޭޓުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ އެހީގައި މާރުކޭޓުގެ މަންޒަރުތައް ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ލައިވްކޮށް ބަލާލެވޭނެ އެވެ. މިއީ ސްމާޓް ސިޓީއެއްގެ ވިސްނުމުގެ ދަށުން ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އާންމުންނަށް ފަސޭހަތައް ހޯދައިދިނުމަށް ކުރާ މަސައްކަތެއް ކަމަށް މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވި އެވެ.

"އާންމުކޮށް މަސް މާރުކޭޓަށް ހެނދުނު ގަޑީގައި މީހުން ގޮސް، ބާނައިފިއްޔާ ލިބޭ، ނުބާނައިފިއްޔާ ނުލިބޭ. އެހެންވީމަ ދިއުމުގެ ކުރިން މަސް ބޭނިތޯ ނޫންތޯ ބަލައިލުން މީގެ ބޭނުމަކީ،" މޭޔަރު ވިދާޅުވި އެވެ.

https://web.facebook.com/photo.php?fbid=1319142900253489&set=a.247388407428949&type=3&ref=embed_post

މީގެ އިތުރުން "ސިޓީ ކޭމް" ގެ ދަށުން ރަށުގެ އާންމު އެހެން ސަރަހައްދުތައް ކަމަށްވާ ތުނޑި، ކުޅި އަދި ޗަސްބިމުގެ ސަރަހައްދުތަކުގައި ވެސް ކެމެރާ ހަރުކުރުމަށް ރޭވިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ މިދިޔަ ޖެނުއަރީ މަހު ރަށުގެ ހާއްސަ ޑިޖިޓަލް ޗާޓެއް ވެސް އިފްތިތާހުކޮށްފަ އެވެ. ކައުންސިލްގެ މުވައްޒަފުން ތައްޔާރުކުރި މި ޗާޓުން ރަށުގެ ހައި ރިޒޮލިއުޝަން ސެޓަލައިޓް މަންޒަރުތަކާއި، ގޭގެ އާއި ވިޔަފާރިތަކުގެ ލޮކޭޝަންތައް ފެންނަން ހުރެ އެވެ. މި ޗާޓަކީ ޕްލޭނިން މަސައްކަތްތަކަށާއި ކުދި ސާވޭތަކަށް ބޭނުންކުރެވޭނެ މުހިންމު ވަސީލަތެކެވެ.

https://web.facebook.com/photo.php?fbid=1295298835971229&set=a.247388407428949&type=3&ref=embed_post

މި ޑިޖިޓަލް ޗާޓުގެ ސަބަބުން ވިޔަފާރިތަކަށް، ހާއްސަކޮށް ޑެލިވަރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކަސްޓަމަރުންގެ ލޮކޭޝަން ދެނެގަތުމަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ފުވައްމުލަކު ކައުންސިލުން ބުނެ އެވެ. އަދި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރަށުގެ އެކި ތަންތަން ފަސޭހައިން ދެނެގަތުމަށް މަގުފަހިވާނެ ގޮތަށް މި ޗާޓު ފަރުމާކޮށްފައި ވަނީ ދިވެހި އަދި އިނގިރޭސި ބަހުންނެވެ.