މާލޭގައި މި ވަގުތު ކޮވިޑް-19ގެ ބޮޑު އައުޓްބްރޭކެއް އޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިއަދު ބުނެފި އެވެ.

އެޗްއީއޯސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، މާލޭގައި ފްލޫ ޕޮޒިޓީވިޓީ ރޭޓް އަދި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ބޮޑުތަން އިތުރުވެފައިވާ ކަމަށާއި މާލޭގައި މިވަގުތު ކޮވިޑް-19ގެ ބޮޑު އައުޓްބްރޭކެއް އެބައޮތް ކަމަށެވެ.

ޑރ. ނަޒްލާ ވަނީ މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީގެ ކޮވިޑް ޓްރެންޑުތައް ހިއްސާ ކުރައްވައިފަ އެވެ.

އެގޮތުން ސާމްޕަލް ޕޮޒިޓިވިޓީ ރޭޓަށް ބަލާއިރު، މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ފެށިގެން ފުރަތަމަ ހަފްތާގައި އެ ރޭޓް ހުރީ ތިން ޕަސެންޓުގަ އެވެ. ނަމަވެސް ދެ ވަނަ ހަފްތާގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓު ވަނީ ހަޔަކަށް އަރައިފަ އެވެ. އޭގެ ފަހުން ހަ ވަނަ ހަފްތާއާ ހަމައަށް އެ ރޭޓު ހުރީ ފަސް ޕަސެންޓާއި ހަތް ޕަސެންޓާ ދެމެދުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އަދި 21 އޭޕްރީލް އިން ފެށިގެން 27 އޭޕްރީލް އަށް ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ވަނީ ހަތަކުން 10 އަށް މައްޗަށް އަރައިފައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަނީ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށުގައި ބެހެއްޓުމަށް ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މުޖުތަމައުގައި ބަލީގެ ހާލަތު ވަޒަންކުރުމަށް ދެން ބަލަން ޖެހޭނީ ފްލޫ ޕޮޒިޓިވިޓީ ރޭޓަށް ކަމަށެވެ. ފްލޫ ޕޮޒިޓިވިޓީ ރޭޓަށް ބަލާއިރު، އޭޕްރީލް މަހުގެ ދެ ވަނަ ހަފްތާ އަދި ތިން ވަނަ ހަފްތާގައި ފްލޫ ޕޮޒިޓިވިޓީ ރޭޓު ހުރީ ފަސް ޕަސެންޓުގައި ކަމަށް ވިދާޅުވި އެވެ.

އެއަށްފަހު ވިދާޅުވީ އެހެން ނަމަވެސް 21 އޭޕްރީލް އިން 27 އޭޕްރީލްއަށް ފްލޫ ޕޮޒިޓިވިޓީ ރޭޓް14 ޕަސެންޓަށް އަރައިފައިވާ ކަމަށެވެ،

މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖަހާފައި ވުމުން، ބަލި ޖެހޭ މީހުން އިތުރުވި ނަމަވެސް، ބަލީގައި ހާލު ސީރިއަސްވާ މީހުން މަދުކަން ވަނީ ފާހަގަ ކުރެވިފަ އެވެ.