ލާމަރުކަޒީ ނިޒާމު ހަގީގީ މާނައިގައި ތަންފީޒު ކުރަމުންދަނީ މި ސަރުކާރުން ކަމަށާއި، އެކަމާ މެދު ފަހުރުވެރިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ފަރާތުން މާލޭގައި ބޭއްވި ތަރާވީހެއްގައި ލާމަރުކަޒީ ދުވަހާއި ގުޅުވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަމަލީގޮތުން ލާމަރުކަޒީ ނިޒާމު ތަންފީޒުކޮށް ނަތީޖާ ނެރެދެމުންދާ ކަމަށާއި އެކަން އެންމެ ފުރިހަމައަށް ކުރަނީ މި ސަރުކާރުން ކަމަށެވެ.

"ލާމަރުކަޒީ ނިޒާމު، ހަގީގީ މާނައިގައި މި ތަންފީޒު ކުރަނީ އަޅުގަނޑުމެން، މި ސަރުކާރުން. އެކަން އަޅުގަނޑުމެން ފަހުރުވެރިކަމާ އެކު ފާހަގަކުރަން،" ކުރިން މާލޭގެ މޭޔަރުކަން ވެސް ކުރެއްވި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް އެންމެ ފަރިތަ އަދި އެ ނިޒާމު އެންމެ ފުރިހަމައަށް ގަބޫލުކުރާ ޕާޓީއަކީ ވެސް ސަރުކާރު ހިންގާ ޕީއެންސީ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ ވައުދުތައް ފުއްދުމުގައި 57 ރަށެއްގެ ކައުންސިލުން ދަތިތައް ކުރިމަތި ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެ ރަށްރަށުގައި މަސައްކަތް ނުފެށި ދިގުލައިގެން ދަނީ ސަރުކާރުގެ ވިސްނުމާ ދެކޮޅު ކައުންސިލްތަކުން ބިން ހަވާލުނުކޮށް އެކި އުޒުރުތައް ދައްކާތީ ކަމަށް ރައީސް ތުހުމަތު ކުރެއްވި އެވެ.

ލާމަރުކަޒީ ނިޒާމުގެ ދަށުން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމާއި، ކޮންމެ އަތޮޅެއްގެ އެއް ރަށުން އައިޑީކާޑާއި ޕާސްޕޯޓު ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން ކޮންމެ އަތޮޅަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހެދުމާއި، ރަށްރަށުގައި ފިޓްނެސް ސެންޓަރުތަކާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ގާއިމުކުރުމަކީ ހަގީގީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން ހަމަހަމަކުރުމަށް ކުރާ މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ހިދުމަތް ކުރަނީ ދައުލަތަށް ކަމަށާއި، އެކަމުގައި ސިޔާސީ ވިސްނުމެއް ނޯންނާނެ ކަމަށެވެ. އަދި ސަރުކާރުގެ ވައުދުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.