ވިޔަފާރިވެރިޔާ އަދި މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް, އޭނާގެ ބައްޕާފުޅު، އަލްމަރްޙޫމް އިބްރާހިމްގެ ނަމުގައި އދ. މާމިނގިލީގައި ބިނާކުރި މިސްކިތް "މަސްޖިދު އިބްރާހިމް" މިއަދު ހުޅުވައިފި އެވެ.

މި މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ގާސިމް އިބްރާހިމްއެވެ. އެ މިސްކިތް ހުޅުވައިދެއްވައި، މިނިސްޓަރު ޝަހީމް ވަނީ، އިމާމުވެ ހުކުރު ނަމާދު ކުރައްވާފަ އެވެ.

އެއީ، 800 މީހުން ޖާގައިގެ ބޮޑު މިސްކިތެކެވެ. ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދު ކުރެވޭނެ ޖާގަ އާއި ވުޟޫ ކުރާނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އަދި، މި މިސްކިތް ވަނީ އޭސީކޮށްފަ އެވެ.

މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި މާމިނގިލީ ކައުންސިލްގެ އިސްވެރިންނާއި ރައްޔިތުން ބައިވެރިވި އެވެ.

މީގެ އެއް އަހަރު ކުރިން ވެސް ގާސިމް ވަނީ، މާމިގިލީގައި މިސްކިތެއް ބިނާކޮށްދެއްވާފަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ 15ގައި ހުުޅުވި އެ މިސްކިތަކީ، ގާތްގަނޑަކަށް 300 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.

2009 ވަނަ އަހަރުން ފެށިގެން މާމިގިލީ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވަނީ ގާސިމެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި މާމިގިލީގެ އާބާދީ 2،803 އަށް އަރަ އެވެ.

ސަރުކާރުގެ ޚަރަދުގައި ޢިމާރާތްކުރި ބައެއް މިސްކިތްތަކާއި، އަމިއްލަ ފަރާތްތަކާއި ގުޅިގެން ޢިމާރާތްކުރި މިސްކިތްތައް ހިމެނޭ ހެން މި ރަމަޟާން މަހަށް 15 މިސްކިތެއް ވަނީ ހުޅުވާފަ އެވެ.