އީރާނަށް އެމެރިކާ އާއި އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް މިއަދު ދޭން ފެށުމުން ރައްދުގައި، އެމެރިކާގެ އަސްކަރީ ބޭސްތައް ހުންނަ ގަތަރު، ބަހުރެއިން، ޔޫއޭއީ އަދި ކުވައިތަށް މިސައިލުން ހަމަލާ ދިނުމުން އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި އެވެ.
ޔޫއޭއީގެ ދުބާއީ އާއި އަބޫދާބީ އަދި ގަތަރުގެ ދޯހާއަކީ ރާއްޖެއަށް ޓޫރިސްޓުން ދަތުރުކުރާ މުހިންމު ދެ ހަބެކެވެ. މި ހަމަލާތަކާއެކު މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ އެމިރޭޓްސް، ގަތަރު އެއާވޭސް، ގަލްފް އެއާ، ފުލައި ދުބާއީ، އިއްތިހާދު އެއާވޭސްގެ ދަތުރުތައް ހުއްޓުމަކަށް ވަނީ އައިސްފަ އެވެ.
ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 70 ޕަސެންޓް ދަތުރުކުރަނީ މެދުއިރުމަތީގެ އެއާލައިންތަކުންނެވެ. އަދި މި ހަމަލާތަކާ ގުޅިގެން ޔޫރަޕުން މެދުއިރުމައްޗަށް ދަތުރުކުރާ ގިނަ އެއާލައިންތައް ވެސް ވަނީ މާޗް 7 ވަނަ ދުވަހާ ހަމަޔަށް ދަތުރުތައް މެދުކަނޑާލައިފަ އެވެ.
މެންދުރު 2:14 ގައި މާލެއިން ފުރައިގެން ޔޫއޭއީ އަބޫދާބީއަށް ދަތުރުކުރި ފްލައި ދުބާއީގެ ބޯޓު ފުރިފަހުން ޔޫއޭއީގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން އެ ބޯޓު ވަނީ އަނބުރައި ޖައްސަން ދަތުރު ފަށައިފަ އެވެ. މީގެ އިތުރުން ބައެއް އެއާލައިންތައް ރާއްޖެއިން ފުރުން ވަނީ މަޑުޖައްސާލައިފަ އެވެ.
މިކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސް އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފަ އެވެ.
އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މެދުއިރުމަތީގެ ހަމަނުޖެހުން ދިގުލައިގެން ހިނގައްޖެ ނަމަ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ގެއްލުންތަކެއް ވާނެ އެވެ.
"ކުރިޔަށް އޮތީ އޮފް ސީޒަން. މި ހަމަލާތައް ދިގުލައިގެން ހިނގައިދާނެ ކަމަށް ބަލައި ކުރިޔަށް އޮތްތަނުގައި ބުކިންތައް ކެންސަލް ވާނެ،" އިގްތިސާދީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ވާހަކަ: ނުބުނެވުނު ބަސްތަކުން...
މެދުއިރުމައްޗަށް ދަތުރުކުރާއިރު ސަމާލުވާންޖެހޭ ބައެއް ކަންކަން