އެމެރިކާ އާއި އިޒްރޭލުގެ ވެރިންނަކީ "ނުލަފާ މުޖުރިމުން" ކަމަށް ސިފަކުރައްވައި، އީރާނަށް ދެމުންދާ ހަމަލާތަކުގެ ބަދަލުގައި އެ ގައުމުތަކަށް "ބާރުގަދަ ހަމަލާތަކެއް" އަމާޒުވާނެ ކަމަށް އިންޒާރު އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލިބާފް ދެއްވައިފި އެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ގާލިބާފް ވިދާޅުވީ، އެމެރިކާއާއި އިޒްރޭލުން އެވަނީ ރަތް ރޮނގު ހުރަސްކޮށްފައި ކަމަށާއި އެކަމުގެ އަގު ދައްކަން ޖެހޭނެ ކަމަށެވެ.
އީރާނުން ދީފާނެ ހަމަލާއަކާ މެދު ޓްރަމްޕް އިންޒާރު ދެއްވުންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން ބަދަލުހިފުމުގެ ގޮތުން ހަމަލާއެއް ދީފިނަމަ، އޭގެ ނަތީޖާ ވަރަށް ހިތްދަތިވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ. ޓްރަމްޕް ވިދާޅުވީ އީރާނުން މިއަދު ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށް ބުނެފައިވާ ކަމަށާއި، ނަމަވެސް އެފަދަ ކަމެއް ކޮށްފިނަމަ މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ބާރުގަދަ ހަމަލާއެއް އެމެރިކާއިން އީރާނަށް ދޭނެ ކަމަށެވެ.
މެދުއިރުމަތީގައި ހުރި އެމެރިކާގެ 27 މަރުކަޒަކަށް ހަމަލާދިން ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް (އައި.އާރު.ޖީ.ސީ) އިން ބުނުން
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އައި.އާރު.ޖީ.ސީ އިން ދަނީ ހަވަނަ ބުރުގެ ހަމަލާތައް ދެމުންނެވެ. މިގޮތުން، އިޒްރޭލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތައް ވަނީ ފޮނުވާލާފަ އެވެ.
މީގެ އިތުރުން، އެމެރިކާގެ 27 މަރުކަޒަކަށާއި، އިޒްރޭލުގެ ތެލް ނޮފް އެއާބޭސް އަދި ތެލް އަވީވްގައި ހުންނަ އިޒްރޭލު ސިފައިންގެ މައި މަރުކަޒަށާއި ބޮޑު ދިފާއީ ސިނާއީ ކޮމްޕްލެކްސްއަކަށް ހަމަލާދީފައިވާ ކަމަށްވެސް އީރާނުން ބުނެ އެވެ.
އީރާނުގެ އެންމެ އިސްލީޑަރާއި މުހިންމު ވެރިން އަވަހާރަވުން
އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި އީރާނުގެ ރޫހާނީ އިސްލީޑަރު އަލީ ޚާމަނޭއީ އަވަހާރަކޮށްލާފައިވާއިރު، ޙާމަނާއީގެ ސެކިއުރިޓީ އެޑްވައިޒަރު އަލީ ޝަމްޚާނީ އާއި އައި.އާރު.ޖީ.ސީގެ ކޮމާންޑަރ-އިން-ޗީފް މުހައްމަދު ޕާކްޕޫރު އަވަހާރަވެފައިވާކަން އީރާނުގެ މީޑިއާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ޚާމަނޭއީ އަވަހާރަކޮށްލުން އެއީ ބޮޑުވެގެންވާ ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި އީރާނުގެ ވެރިކަން ބަދަލުވުމުގެ މަރުހަލާ ބެލެހެއްޓުމަށް ތިން މީހުންގެ ވަގުތީ ކައުންސިލެއް މިހާރު ވަނީ އެކުލަވާލާފަ އެވެ.
އީރާނުގެ އެކި ސިޓީތަކުގައި ޚާމަނޭއީގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ ހިތާމަ ފާޅުކުރަމުންދާއިރު، އިރާގުގައިވެސް ދަނީ މިކަމާއި ގުޅިގެން ހިތާމަ ފާޅުކުރަމުންނެވެ.
މިއަދުވެސް އީރާނުން ގެންދަނީ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދެމުން
ގަތަރުގެ ވެރިރަށް ދޯހާގެ މަތިން ބާރުގަދަ ގޮވުންތަކެއްގެ އަޑު މިއަދުވެސް ވަނީ އިވިފަ އެވެ. މިއީ މިފަހަކަށް އައިސް އިވުނު އެންމެ ބާރުގަދަ އަޑުތައް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އީރާނުން ދެމުންދާ ހަމަލާތައް ގަތަރުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވަމުންދާކަން ވަނީ އެނގިފަ އެވެ. އަދި މި ހަމަލާތަކުގެ ބައިތައް ބިމަށް ފޭބުމުގެ ފުރުސަތު އޮތްކަމަށް ބެލެ ވެއެވެ. އީރާނުން ގަތަރަށް އަމާޒުކޮށް ފޮނުވާލި މިސައިލާއި ޑްރޯންގެ ސީދާ އަދަދު ކަށަވަރުކުރަން އަދި ދަތި ނަމަވެސް، މިކަމާ ގުޅޭ ރަސްމީ މައުލޫމާތެއް ލިބޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، ދުބާއީ އާއި ޔޫއޭއީގެ އެކި ސަރަހައްދުތަކުން ވެސް ގޮވުންތަކުގެ އަޑު އިވިފައިވާއިރު، އީރާނުން އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު ދީފައިވާތީ އިތުރު ހަމަލާތަކެއް އަތުވެދާނެ ކަމަށް ބެލެ ވެއެވެ.
އިޒްރޭލުގައި ނުރައްކަލުގެ ސައިރަންގެ އަޑު ގަދަވެފައިވާއިރު އުރުދުންއިން މިސައިލްތަކެއް ވަނީ ހުއްޓުވާފައި
އަލްޖަޒީރާ އަރަބިކްއިން ރިޕޯޓްކުރާ ގޮތުގައި، އުރުދުންގެ ވެރިރަށް އައްމާންގެ މަތިންނާއި އެ ގައުމުގެ އުތުރުގެ ސަރަހައްދުތަކަށް އަމާޒުވި މިސައިލްތައް އުރުދުންގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވާފަ އެވެ. މި ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ތަލް އަބީބް އާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުގައި ނުރައްކަލުގެ އިންޒާރުދޭ ސައިރަންގެ އަޑު މެދުނުކެނޑި ދަނީ އިވެމުންނެވެ.

ސުވާލާއި ޖަވާބު: ކޮންމެ ދުވަހަކަށް ވަކިން ނިޔަތް ގަންނަން ޖެހޭތަ؟
ރޯދައިގެ ސަބަބުން އަންނަ ޖިސްމާނީ ބަދަލުތަކަށް ނަޒަރެއް!
މެދުއިރުމައްޗަށް ދަތުރުކުރާއިރު ސަމާލުވުމަށް އެދެފި