މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައެއް އެއާލައިންތަކުގެ ދަތުރުތައް ކެންސަލްވާތީ އޭޝިއާގެ ގައުމުތަކުން އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް އަދި ޑިޕާޗާ ހިމެނޭހެން ގިނަ އަދަދެއްގެ ފްލައިޓް ވަނީ ކެންސަލް ކޮށްފަ އެވެ. އޭގެ ތެރޭގައި މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެ އަންނަ އެމިރޭޓްސް އާއި ފްލައި ދުބާއީ އާއި ގަލްފް އެއާ އާއި އެއާ އަރަބިއާގެ އިތުރުން އެތިހާދު އަދި ގަތަރު އެއާވޭސްގެ ފްލައިޓްތައް ހިމެނެ އެވެ.

ފްލައިޓުތަކުގެ ދަތުރުތައް ކެންސަލްވާތީ އެކަމުގެ ކަންބޮޑުވުން ތައް އޮތުމާއި ގުޅިގެން ސިވިލް އޭވިއޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މެދުއިރުމަތީގެ އެއާލައިންތަކުން ކުރަނީ ރާއްޖޭގެ އިގުތިސޯދާ ގުޅިފައިވާ މުހިއްމު ދަތުރުތަކެއް ކަމަށާއި އެ ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓްތައް ކެންސަލްވުމުން ކުރާ އަސަރުތައް ކައިރިން ބަލަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖެއަށް ދަތުރުކުރާ ބޮޑެތި އެއާލައިންތަކާއި ކަމާގުޅުން ހުރި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން އިތުތު އެއާލައިންތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އޭޝިއާގެ އިތުރު އެއާލާއިންތަކުން ރާއްޖެއަށް ދަތުރުތައް ފަށަން މަޝްވަރާ ކުރާ ކަމަށް ވެސް މިނިސްޓްރީގެ އެ ބަޔާނުގައިވެ އެވެ.

އޭގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުން ކަމަށް އެ ބަޔާނުގައިވެ އެވެ.

"މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ ޝެޑިއުލްތަކަށް ބަދަލު އައިސްފިނަމަ ވެސް އެހެނިހެން އެއލާއިންތަކުގެ ދަތުރުތައް ކުރިއަށް ދަނީ ތާވަލާ އެއްގޮތަށެވެ. މީގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިޔާ އަދި އިންޑިއާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން މިނިސްޓްރީން ދަނީ އެ ފަރާތްތަކާ މަޝްވަރާ ކުރަމުންނެވެ." އެ ބަޔާނުގައި ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ޓޫރިސްޓުންނަށް އަބަދުވެސް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި މެހެމާންދާރީ އެންމެ މަތީ ފެންވަރު ދެމެހެއްޓުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

އީރާނަށް އިޒްރޭލާއި އެމެރިކާއިން އިއްޔެ ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ އެތައް މަރުކަޒުތަކަށް ހަމަލާދޭން ފަށައިފަ އެވެ. އެހެންވެ، ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދު ކުރުމުން، ރާއްޖެއަށް ދަތުރުކުރާ ގިނަ އެއާލައިންތަކުގެ ފްލައިޓްތައް ކެންސަލްވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ގިނަ ޓޫރިސްޓުންތަކެއް ވަނީ ނުފުރި ތާށިވެފަ އެވެ.