ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް ޓީވީ ޕްރެޒެންޓަރު އަދި ނޫސްވެރިޔާ ޝިފްލާ އިބްރާހިމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ޝިފްލާ އައްޔަން ކުރުމަށް މަޖިލީހުން ފާސްކުރީ 71 މެމްބަރުންގެ ވޯޓުންނެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ބޭފުޅަކު އައްޔަންކުރީ އެ ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެވި އައިމިނަތު ސަހާރަތު އިއްޒަތުގެ ދައުރު ހަމަވުމުންނެވެ.

މިއީ ޝިފްލާ ބްރޯޑްކޮމް އަށް އައްޔަންކުރަން އޭނާގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ތިން ވަނަ ފަހަރެވެ. ކޮމެޓީން ވެސް އެންމެ ގިނަ މާކްސް ލިބޭ ނަމެއްގެ ގޮތުގައި ޝިފްލާގެ ނަން ފާހަގަކުރެވުނު ނަމަވެސް މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުގައި، ވޯޓު ނުލިބި، އޭނާގެ ނަން ބޭރުކޮށްލަ އެވެ.

މީޑިއާގައި ޝިފްލާ މަސައްކަތްކުރާތާ 20 އަހަރަށް ވުރެ ގިނަދުވަސް ވެއްޖެ އެވެ. ޓީވީއެމްގެ ޕްރެޒެންޓަރެއްގެ އިތުރުން ނޫސްވެރިއެއްގެ ގޮތުގައި އޭނާ ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އެވެ. އަދި މިވަގުތު ޝިފްލާ މަސައްކަތް ކުރައްވަނީ ސަންގު ޓީވީގަ އެވެ.

ޝިފްލާ ވަނީ ނޫސްވެރިކަމުގެ ދާއިރާ އިން ގައުމީ ޔުނިވާސިޓީން ބެޗެލާސް ޑިގްރީއެއް އަދި އިސްލާމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީ ހާސިލުކޮށްފަ އެވެ.