އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ގެންނާނީ ފަހި ދިރިއުޅުމަކާއި ވިޔަފާރިއަށް ފަހި މާލެ ސިޓީއެއް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މާލޭގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ، މާލޭގައި ހުރިހާ ބާވަތެއްގެ މައްސަލައެއް ވެސް އެބައޮތް ކަމަށާއި ނަމަވެސް، މިހާ ހިސާބަށް އައީ މި ސިޓީއަށް އަޅާލަން ޖެހޭ ވަރަށް އަޅާނުލެވުނީމަ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުގެ މިސްރާބު ހުރީ، ދެމެހެއްޓެނިވި ގޮތުގައި މާލެ ތަރައްގީކޮށް، ފަހި ސިޓީއަކަށް ހެދުމަށް ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ޓިކެޓުގައި މޭޔަރު ކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އާޒިމް ވިދާޅުވީ، ވިޔަފާރިތަކަށް ތަނަވަސް، ފަހި މާހައުލަކަށް ސިޓީއަކަށް މާލެ ހަދާނެ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މޭޔަރު ކަމާ ހަވާލުވެވަޑައިގަތް އަމާޒު ހިފީ، ލިބޭ އެއްޗަކުން މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އެގޮތުން، އެ ކައުންސިލަށް ވެސް ލިބުނީ މިހާތަނަށް ލިބެމުން އައި އާމްދަނީ ކަމަށާއި އެ އާމްދަނީ ހޭދަކުރީ، އިސްރާފު ކުރާކަށް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު، ސިޓީ ކައުންސިލަށް ލިބޭ އާމްދަނީ ހޭދަކުރަން ވިސްނީ ކުއްޔަށް ހިފާފައި ހުރި ހުރިހާ ތަނެއް ދޫކޮށްލައި، ކޮންމެ މަހަކު 350،000 ރުފިޔާ މާލޭގެ ކުލިން ރައްކާތެރިކޮށް، އަޅުގަނޑުމެން އަމިއްލަ ތަނެއް އަޅައިގެން އަންނަން. މިއަދު އަޅުގަނޑުމެން މި ތިބީ އެތަނުގައި ދެ އަހަރު ތެރޭގައި." މޭޔަރު އާޒިމް ވިދާޅުވި އެވެ.

އާޒިމް އެ އިޝާރަތްކުރެއްވީ، ސިޓީ ކައުންސިލުގެ ހުރިހާ ޚިދުމަތެއް އެއް އިމާރާތަކަށް ބަދަލުކުރި ވާހަކައަށެވެ. ކުރިން އެ ކައުންސިލުގެ އެކި ޚިދުމަތްތައް ދެމުން އައީ، ތަފާތު އިމާރާތްތަކުގަ އެވެ.

އޭގެ އިތުރުން، އެމްޑީޕީގެ ވިސްނުމަކީ ރައްޔިތުންގެ ފައިސާ ވީ އެންމެ ރަނގަޅަކަށް ޚަރަދުކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ވިއްސާރަ މޫސުމާ ދިމާކޮށް، މާލޭގެ ގިނަ ރައްޔިތުންގެ ފަރުނީޗަރުތައް ހަލާކުވާތީ މިދިޔަ 40 އަހަރު ތެރޭގައި އަހަރަކު ދެ ފަހަރު އެތައް މިލިއަނެއް ޚަރަދުކުރާކަން އާޒިމް ފާހަގަކުރެއްވި އެވެ.

މި ގޮތުން، އެންމެ ފަސް މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެ މައްސަލަ ސިޓީ ކައުންސިލުން މިދިޔަ ދެ އަހަރު ހައްލުކޮށްފައިވާކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.