އައްޑޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް އެ ސިޓީގައި ގާއިމްކުރާ ސެންޓްރަލް ޕަވާ ސްޓޭޝަންގެ މަސައްކަތް ހަވާލުކުރީ ގޮތް ނޭނގޭ، އައްޑޫ ބްރިޖް އަޅަން ފޭކް ބަޔަކާއި ހަވާލުކުރި ބީދައިން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް އެ ސިޓީގައި ގާއިމްކުރާ ސެންޓްރަލް ޕަވާ ސްޓޭޝަން ގާއިމުކޮށް ނިންމުމަށް ފެނަކައިން ހަވާލުކޮށްފައިވަނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާ އެވެ.
ފެނަކައިން ބުނީ ދުބާއީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޑެފިނިޓް ސޮލިއުޝަންސްއަކީ، ދުބާއީގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުގައި މިފަދަ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ އަދި ހިންގަމުންގެންދާ، ތަޖުރިބާ ލިބިފައިވާ ކުންފުންޏެއް ކަމަށެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ މި މަސައްކަތް ހަވާލުކުރި ކުންފުނީގެ އެއްވެސް ތަފްސީލެއް ނޭނގޭ ކަމަށެވެ. އަދި މިއީ އައްޑޫ ބްރިޖް އަޅަން ފޭކް ބަޔަކާއި ހަވާލުކުރި ބީދައިން ކުރި ކަމެއް ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.
"މި ޒާތަށް އައްޑޫ ރައްޔިތުން އޮޅުވާލުމަކީ ބަަލައިގަނެވޭނެ ކަމެއް ނޫން. ގޮތް ނޭނގޭ މީހަކު ގެނެސް ހުސްގަނޑެއްގައި ސޮއިކުރުވުމުގެ އިތުރުން، އެތައް މިލިއަން ޑޮލަރުގެ އަގުހުރި މި މަސައްކަތް އެއްވެސް ތަޖުރިބާއެއް ނެތް މިކުންފުނީގެ އެއްވެސް ތަފްސީލެއް ނޭނގޭ ބަޔަކާއި މި ހަވާލު ކުރަނީ އައްޑޫ ބްރިޖް އަޅަން ފޭކް ބަޔަކާއި ހަވާލުކުރި ބީދައިން،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫގައި ސެންޓްރަލް ޕަވާހައުސްއެއް ގާއިމްކުރުމަށް، މީގެކުރިން ޗައިނާގެ ޑޮންފަން ކުންފުންޏާ ޙަވާލުކޮށްފައިވީ ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަޝްރޫޢު ކުރިއަށް ނުދިޔުމުގެ ސަބަބުން އެ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ.
ފެނަކައިން ބުނީ މި މަޝްރޫޢުގެ ދަށުން މި ޕަވަ ސްޓޭޝަންގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ބެލްޖިއަމް ކުންފުންޏެއް ކަމުގައިވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ)ގެ އުފެއްދުމެއް ކަމަށެވެ. ޔޫރަޕްގައި ބޭނުންކުރާ މި ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު އައްޑޫގައި ބޭނުންކުރާ ހައި ސްޕީޑް އިންޖީނުތަކާ ހިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެއް ކަމަށްވެސް ފެނަކައިން ހާމަކުރެ އެވެ.
އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢު ފުރިހަމަވާއިރު، އައްޑޫ ސީޕީއެސްގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ހުންނާނެ ކަމަށް ފެނަކައިން ބުނެ އެވެ.

ޓްވިންކަލް އޭނާގެ މަންމައަށް ކޮށްދޭން ބޭނުންވާ ކަމަކީ މިއީ!
އީރާނުން އިޒްރޭލުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލަދީފި
އީރާންގެ އާ ސްޕްރީމް ލީޑަރު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފި