ބަންދުކުރި ކާބޯތަކެތީގެ އެކި ބާވަތްތައް އުފައްދާ "ބިލެތްމާ ޓޭސްޓީ"ގެ އުފެއްދުންތައް ތައްޔާރުކުރާ ތަނުގެ ސާފުތާހިރުކަން ދަށްވެ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފުވާތީ އެ ތަނުގެ މަސައްކަތް ވަގުތުން ހުއްޓާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަމުރުކޮށްފި އެވެ.

އެމްއެފްޑީއޭއިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ބިލެތްމާ ޓޭސްޓީއަކީ ތެލުލި ފަތާއި ކޮށި މަހާއި ކުޅި ކާޖާއާއި ރިހާކުރު ފަދަ ބާވަތްތައް ބަންދުކޮށް ވިއްކާ ތަނެކެވެ. އެ ތަނާ ބެހޭ ޝަކުވާއެއް ލިބުމާ ގުޅިގެން އެ އޮތޯރިޓީން އެ ތަން ބަލައި ފާސްކުރިއިރު، ސާފުތާހިރުކަމުގެ ހާލަތު ދަށްކަމާއި ކާބޯތަކެތީގެ ސަލާމަތީ މިންގަނޑުތަކަށް ނުފެތޭކަން ފާހަގަވި ކަމަށް އެ ބަޔާނުގައިވެ އެވެ.

މިއާއެކު އެތަނުން ކުރަމުން އައި މަސައްކަތް ވަގުތުއް ހުއްޓާލުމަށް އެމްއެފްޑީއޭ އިން ވަނީ އަންގާފަ އެވެ.

މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު ލާޒިމުކުރާ ގޮތުގެ މަތިން އެ ފަދަ ތަންތަން އެމްއެފްޑީއޭގައި ރަޖިސްޓްރީ ކުރަންޖެހުނު ނަމަވެސް، ބިލެތްމާ ޓޭސްޓީ ހިންގަމުން އައީ ރަޖިސްޓްރީ ނުކޮށް ކަމަށް ވެސް އެ އޮތޯރިޓީން ފާހަގަކޮށްފައިވެ އެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ނަމުގައި އުފައްދާ އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.