ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ މެދު ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުއޫދު ސުވާލު އުފައްދަވައި، އެކަމުގެ ހަގީގީ މަގުސަދު ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭނެ ކަމަށް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ސުއޫދު ވިދާޅުވީ، ގައުމުގައި ހައްލުކުރަން ޖެހޭ އަސާސީ ގިނަ މައްސަލަތަކެއް އެބަ ހުރި ކަމަށާއި އެ ކަންކަން އިސްލާހު ނުކޮށް އިންތިހާބުތައް އެއްކޮށްލަން އުޅޭ ސަބަބާ މެދު ކަންބޮޑުވާކަމަށެވެ. ވަކިން ހާއްސަކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރުމާއި، މިނިވަން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވުން ފަދަ ކަންކަމަކީ މިހާރުން މިހާރަށް ވެސް ކުރުން މާ މުހިންމު ކަންކަން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ސިޔާސީ ހުރިހާ ފަރާތްތަކުން ވެސް އިއްތިފާގުވާ ކަމެއް އެއީ ޖޭއެސްސީ އެކުލަވާލާފައި އޮތީ ރަނގަޅަށް ނޫންކަން. އެއީ ބަދަލުގެންނަން ޖެހޭ ތަނެއްކަން. އެކަންކަން ބަދަލުކުރަންޖެހޭކަން އެންމެން ވެސް ގަބޫލުކުރޭ. އެހެންނަމަވެސް އެކަންވެސް ނުވެ އޮތީ،" ސުއޫދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވުމަކީ ވެސް ރައްޔިތުން ބޭނުންވާ މުހިންމު ބަދަލުތަކެއް ކަމަށެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުން ހުއްޓުވުމާއި، ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަކީ ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ރިފަރެންޑަމެއް ނަގާއިރު، އެކަން ކުރަނީ ހެޔޮ ނިޔަތުގައިތޯ އާއި އެ ބަދަލުގެ ދެކޮޅު ވަޒަންކޮށްފައިވޭތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ.
ސުއޫދު ވިދާޅުވީ ގައުމީ މިފަދަ ބޮޑެތި މައްސަލަތަކެއް ހައްލުނުވެ ހުއްޓައި، އެޖެންޑާގެ އެންމެ ކުރިއަށް ދެ އިންތިހާބު އެއްކޮށްލުމުގެ މައްސަލަ ނެރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
އެހެންކަމުން، މިފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން އޭގެ ފަހަތުގައިވާ އަސްލު ބޭނުމަކީ ކޮބައިކަން ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ސިއްހީ އެހީއަށް އެދޭ ސްކޭމް ޕޯސްޓުތަކަށް ސަމާލުވާން އެދިއްޖެ
ވަތަނީ ހިދުމަތުގެ 3 ވަނަ ބުރަށް ކުރިމަތިލާން ހުޅުވާލައިފި
އަބުބާރު ގްރޫޕްގެ މައްސަލަ ފުލުހުން ބަލަނީ