އެމެރިކާ އާއި އިޒްރޭލުން އީރާނަށް ބޮން އަޅައި ފެށި ހަނގުރާމައަށް 10 ދުވަސް ވީ ފަހުން ރާއްޖޭގެ ފޮރިން މިނިސްޓްރީން އެ ހަމަލާތައް ކުށްވެރިކޮށް ރަސްމީ ބަޔާނެއް ނެރެފި އެވެ.

ފޮރިން މިނިސްޓްރީން އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި އެންމެ ފުރަތަމަ ކުށްވެރިކޮށްފައި އޮތީ އީރާނުން ގަލްފުގެ ޤައުމުތަކަށް ދެމުންދާ ހަމަލާތަކެވެ. އީރާނުން އެގައުމުތަކުގެ އެއާޕޯޓުތަކާއި ތެޔޮ ރައްކާކުރާ މަރުކަޒުތައް ހިމެނޭހެން އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކުރި އެވެ. ގަލްފުގެ ޤައުމުތަކުން ރައްދު ހަމަލާތައް ނުދެނީސް އީރާނުން ހަމަލާ ދޭތީ ހިތާމަކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އީރާނުން ހަމަލާ ދެމުން އަންނަނީ އެ ޤައުމުތަކުގެ ސަރަހައްދުތައް ބޭނުންކޮށްގެން އެމެރިކާ އާއި އިޒްރޭލުން ހަމަލާ ދެމުން ދާތީ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

އެ ވާހަކަތަކަށް ފަހު ބަޔާނުގައި ވަނީ އިޒްރޭލާއި އެމެރިކާގެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އީރާނުގެ އަންހެން ކުދިންގެ ސްކޫލަކަށް އަމާޒުކޮށްދިން ހަމަލާއެއްގައި 100 އަށްވުރެ ގިނަ އާންމުން މަރުވުމާއި، ހޮސްޕިޓަލްތަކާއި ތެޔޮ ރައްކާކުރާ ތަންތަނަށް ދީފައިވާ ބޮޑެތި ގެއްލުންތައް ހިމެނޭހެން، މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ. ގަލްފުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހައިގެ ފުރުސަތުތައް ހަނިވަމުންދާތީ، ހުރިހާ ފަރާތްތަކުން ވަގުތުން ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލައިފަ އެވެ.

މި ހަމަލާތައް ކުށްވެރި ނުކުރާތީ ރައީސް މުހައްމަދު މުއިއްޒު މާޗު 2 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ސުވާލުތަކެއް އަމާޒުވި އެވެ.