މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ނުވަ ކްރޫޒްލައިނާއެއް އައިސް، އެ ބޯޓުތަކުން ޖުމްލަ 14،960 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، އިއްޔެއާއި އޭގެ ކުރީ ދުވަހު ވެސް ކްރޫޒްލައިނާއެއް ރާއްޖެ އައިސް، އެ ދެ ބޯޓުގެ ކްލިއަރެންސް މަސައްކަތް ނިންމައިފައިވެ އެވެ.
ދައުލަތުގެ މީޑިއާ ރިޕޯޓުކުރާ ގޮތުން، މި އަހަރު އެންމެ ގިނަ ފަތުރުވެރިން ގެނައީ ފެބްރުއަރީ 14 ގައި އައި ކްރޫޒްލައިނާއިންނެވެ. އެ ބޯޓުން އެކަނި ވެސް 3،904 ފަތުރުވެރިން ރާއްޖެ އައެވެ.
ކްރޫޒްލައިނާ ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން، ސަރުކާރުން މިހާރު ދަނީ ތިން ސަރަހައްދެއްގައި ކްރޫޒް ބޯޓުތަކަށް ހާއްސަ ޖެޓީ ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
މިދިޔަ މަހުގެ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާ ދިނުމާ ގުޅިގެން މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުވެ، ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ މަގުތައް ހުއްޓުމަކަށް އައުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ މިވަގުތު އޮތީ ދަތި ހާލަތެއްގަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، މި އަހަރު މިހާތަނަށް 540،674 ފަތުރުވެރިން އައި ނަމަވެސް، މި މަހުގެ ފުރަތަމަ 12 ދުވަހު އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 23.6 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ
"ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ ބޭނުންވާ ހަމައެއް ނޫން"