ކައުންސިލް އިންތިހާބު ބާއްވަން ދެ ހަފުތާއަށް ވެފައި ވަނިކޮށް ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ހަދަން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ސަސް އީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފި އެވެ.

ސަސް އީ ކޮންސްޓްރަކްޝަންއަކީ ފުޅާ ދާއިރާއެއްގައި ލޮޖިސްޓިކްސް ހިދުމަތް ދޭ ލިއޯ ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރު އަލީ ހާޝިމެވެ. ސަސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސަވާދެވެ. މި މަޝްރޫއު ހަވާލުކުރި އަގެއް އެމްޕީއެލް އިން ނުބުންޏެވެ.

އެމްޕީއެލް އިން ބުނީ ސަސް އީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓަށް އެއް ފަހަރާ ބަނދަރު ކުރެވޭ މެރީނާއެއް ތަރައްގީ ކުރެވޭނެ ކަމަށެވެ. އަދި މި މެރީނާއިން ޔޮޓް ފަހަރަށް ބޭނުންވާ މައިގަނޑު ޚިދުމަތްތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މީގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމްސްގެ ޚިދުމަތް ވެސް މި މެރީނާއިން އިން ފޯރުކޮށްދޭނެ ކަމަށް ވެސް އެމްޕީއެލް އިން ބުނެ އެވެ.

އެމްޕީއެލް ބުނީ އެ ކުންފުނިން އަންނަނީ ޔޮޓް މެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްގީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.

އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ މަންޒިލެކެވެ.