މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް އިބްރާހިމް ޒިޔަތު އައްޔަން ކޮށްފި އެވެ.
އިބްރާހީމް ޒިޔަތަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ޒިޔަތުގެ އައްޔަންކުރުމާއެކު އެމްޕީއެލްގައި މިހާރު ތިން ޑެޕިއުޓީ ސީއީއޯއިން ތިއްބަވަ އެވެ. ޒިޔަތުގެ އިތުރުން ޑެޕިއުޓީ ސީއީއޯގެ މަޤާމުގައި ދެން ތިއްބަވަނީ މުހައްމަދު މުއީނާއި އަލީ ހާޝިމެވެ.
މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން އިން ވަނީ ޒިޔަތުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައި، ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. އެ މައްސަލައިގައި ތުހުމަތުކުރެވުނީ 2017 ވަނަ އަހަރު ބިދޭސީ މަސައްކަތްތެރިން ރެކްރޫޓް ކުރުމުގައި ވަކި ދެ ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށެވެ.
ދުނިޔޭގެ އިގުތިސާދީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް މި ދަނޑިވަޅުގައި ސަރުކާރުގެ ކުންފުނިތަކުގެ ސިޔާސީ މަގާމުތައް އިތުރުވަމުންދާތީ އާންމުންގެ ކަންބޮޑުވުން ވަނީ ބޮޑުވެފަ އެވެ. ރާއްޖޭގައި ތެލުގެ އަގާއި ތަކެތީގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި ބޮޑެތި މުސާރައިގައި ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރާތީ، ހަރަދު ކުޑަކުރުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރެ އެވެ.

އިންތިހާބާ ދިމާކޮށް އުލިގަމުގައި ޔޮޓް މެރީނާ ހަދަން ހަވާލުކޮށްފި
އަރަބި ގައުމުތަކަށް ދޭ ހަމަލާތަކުގެ ފަހަތުގައި ވަނީ އިޒްރޭލް