އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށި ހަނގުރާމައާ ގުޅިގެން މިހާތަނަށް ރާއްޖެ އަށް 300 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްވެ، 60،000 އަށް ވުރެ ގިނަ ބުކިން ކެންސަލްވެ، ގާތްގަނޑަކަށް 350،000 ރޫމް ނައިޓްސް ގެއްލިފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނިން މިއަދު ބުނެފި އެވެ.

ފުޅާ ދާއިރާއެއްގައި ޓްރެވަލް އަދި އޭވިއޭޝަން ހިދުމަތް ދޭ އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ސޯޝަލް މީޑިއާގައި ވިދާޅުވީ މިހާރު ކެންސަލްވި އަދަދަށް ބަލާއިރު މިއީ ހަމައެކަނި ކުޑަ އަދަދުތަކެއް ކަމަށެވެ.

"ޝައްކެއް ވެސް ނެތް ގޮތުގައި ހަގީގީ އަސަރު އެއަށް ވުރެ ބޮޑުވާނެ. މި ހާލަތުން އަޅުގަނޑުމެންގެ ޓޫރިޒަމް އިން ބިނާވެފައިވާ އިގްތިސާދަށް އިންތިހާއަށް ގެއްލުން ވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ ރާއްޖެއިން މިހާރު ކުރިއަށް ގެންދަން ޖެހޭނީ، މި މުހިންމު އިގްތިސާދީ ގެއްލުން މެނޭޖްކުރުމަށް ސާފު ސްޓްރެޓެޖީތަކާ އެކު ކަމަށެވެ.

"އަޅުގަނޑުމެން ފަރުވާތެރިކަމާއެކު އަމަލުކޮށް، މާޒީގެ ތަޖުރިބާތަކުން ފިލާވަޅު ނަގައިފިނަމަ، ކުރިއަށް ރަނގަޅުވެވޭނެ ނުވަތަ ދަތި ނަމަވެސް ގޮތްތަކެއް ހޯދީދާނެ. އެކަމަކު ކޮންމެ މަރުހަލާއެއްގައި ވެސް ފަރުވާތެރި، ރަނގަޅަށް ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެ ޕޯސްޓް ނިންމާލައްވަމުން ފިރާގު ވަނީ ނުސީދާކޮށް ސަރުކާރަށް ސުވާލެއް އަމާޒުކޮށްފަ އެވެ. "އަސްލު ސުވާލަކީ: އަޅުގަނޑުމެން މިކަމަށް ހަގީގަތުގައި ތައްޔާރުވެފައި ތިބީ ހެއްޔެވެ؟"