އީރާނުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ދޭ އެއްވެސް ހަމަލާއެއްގެ ސަބަބުން ގަތަރުގެ ގޭސް އިންފްރާސްޓްރަކްޗާއަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ގަތަރު އެނާޖީގެ ސީއީއޯ ސައުދު އަލް ކާބީ ތަކުރާރުކޮށް ދެއްވައިފި އެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި އަލް ކާބީ ވިދާޅުވީ، އީރާނުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުމަކީ ގަތަރަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށެވެ. އަދި މިކަމުގެ ނުރައްކަލާ ގުޅޭގޮތުން ގަތަރާއެކު މަސައްކަތްކުރާ ތެލާއި ގޭސް ކުންފުނިތަކުގެ އިސްވެރިންނާއި، އެމެރިކާގެ ސެކްރެޓަރީ އޮފް އެނާޖީއަށް ވެސް ތަކުރާރުކޮށް އިންޒާރު ދެއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަލާ އަމާޒުވި ރަސް ލައްފާން ސައިޓުން މީހުން އަވަހަށް ހުސްކުރުމުގެ ސަބަބުން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވުމުން ސަލާމަތް ކުރެވުނު ކަމަށް އަލް ކާބީ ފާހަގަކުރެއްވި އެވެ.

"އޮފްޝޯ ސަރަހައްދުތަކުން ކުއްލިއަކަށް އެންމެން ބޭރުކުރުމަކީ ފަސޭހަ ކަމެއް ނޫން. 24 ގަޑިއިރުގެ ތެރޭގައި 10،000 މީހުން އެ ސަރަހައްދުން ބޭރުކުރުމަށް ހުރިހާ މަސައްކަތްތަކެއް ހުއްޓާލަން ޖެހުނު،" އޭނާ ވިދާޅުވި އެވެ.

އަލް ކާބީ އިތުރަށް ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި އަދި މީހަކު މަރު ނުވެ ސަލާމަތްވީ އެ ވަގުތު ނިންމި ހަރުދަނާ ނިންމުމުގެ ސަބަބުން ކަމަށާއި، އެކަމާ އުފާކުރައްވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ސަރަހައްދީ ހަކަތައިގެ ރައްކާތެރިކަމާ މެދު ވަނީ ކަންބޮޑުވުން އިތުރުވެފަ އެވެ.