އީރާނުގެ ނިއުކްލިއާ މާއްދާތައް ރައްކާތެރިކުރުމަށް ނުވަތަ އެ ތަކެތި އެ ގައުމުން ބޭރުކުރުމަށް ބޭނުންވާނެ ގޮތްތަކާއި އިޚްތިޔާރުތަކާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް މިކަމުގެ މައުލޫމާތު ހުރި މަސްދަރުތަކުން ހާމަކޮށްފި އެވެ. މި މަޝްވަރާތައް ކުރިއަށްދަނީ އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ ކެމްޕޭން ވަރަށް ބޮޑަށް ނުތަނަވަސްވެފައި އޮތް ދަނޑިވަޅެއްގަ އެވެ.
މިފަދަ އޮޕަރޭޝަނެއް ހިންގާނެ ސީދާ ވަގުތެއް އަދި ސާފުވެފައި ނުވާއިރު، ރައީސް ޓްރަމްޕް އަދި ވަކި ގޮތެއް ނިންމަވާފައި ނުވާ ކަމަށް އެއް މަސްދަރަކުން ބުނެ އެވެ. ނަމަވެސް، މި ރޭވުންތައް ބިނާވެފައިވަނީ އެމެރިކާގެ އެންމެ ސިއްރު އަދި ނާޒުކު މިޝަންތައް ކުރިއަށްގެންދާ ޖޮއިންޓް ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑް ގެ ފައުޖުތައް ބޭނުންކުރުމުގެ މައްޗަށް ކަމަށް ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފައިވެ އެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ މިފަދަ ތައްޔާރީތައްވުމަކީ ޕެންޓަގަންގެ ޒިންމާއެއް ކަމަށެވެ. ރައީސް ޓްރަމްޕް ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ޓެރަރިސްޓް ޖަމާއަތާއި ދެކޮޅަށް މެދުއިރުމަތީގައި ހިންގާ އަސްކަރީ މަސައްކަތްތައް ހުއްޓާލުމަށް ވިސްނަމުންދާ ކަމަށާއި އެމެރިކާގެ މަގްސަދުތައް ހާސިލްވުމާ މިހާރު ވަނީ ދާދި ގާތްވެފަ ކަމަށެވެ.
އީރާނުގެ ނިއުކްލިއާ މާއްދާތަކާ ގުޅޭގޮތުން މި މަޝްވަރާތައް ފެށިފައިވަނީ، ކުރިން އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކާއި މިސައިލް ސިސްޓަމްތަކަށް އަމާޒުކޮށްދިން ހަމަލާތަކަށްފަހުގަ އެވެ. އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކާއެކު ވެސް، އީރާނުން ވަނީ އިޒްރޭލަށާއި ގަލްފުގެ ގައުމުތަކަށް ރައްދު ހަމަލާދީ، ތެޔޮ އުފުލާ ބޯޓުތަކަށް ބިރުދައްކައި ތެޔޮ އެކްސްޕޯޓް ކުރުމަށް ހުރަސްއަޅާފަ އެވެ.
މި ހަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ކުވެއިތުގައި ހުންނަ ބޭހަކަށް އީރާނުން ދިން ޑްރޯން ހަމަލާއެއްގައި އެމެރިކާގެ 6 ސިފައިން މަރުވެ، ގިނަ ބަޔަކު ޒަޚަމްވިއިރު، ސައުދީ އަރަބިއްޔާގައި ދިން ހަމަލާއެއްގައި ވެސް އެކަކު ވަނީ މަރުވެފަ އެވެ. މީގެ އިތުރުން އިރާގުގައި ހިނގި މަތިންދާބޯޓު އެކްސިޑެންޓެއްގައި ވެސް އެމެރިކާގެ 6 މީހަކު ވަނީ މަރުވެފަ އެވެ.
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ އިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ހޫނު މޫސުމާ ހަމައަށް އީރާނުން ވަނީ 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ 972 ޕައުންޑުގެ ޔުރޭނިއަމް އެއްކޮށްފަ އެވެ. މިއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މިންވަރާ ވަރަށް ގާތް މިންވަރެކެވެ. ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ، އީރާނުގެ ޔުރޭނިއަމް ރައްކާތެރިކުރުމަކީ ރައީސް ޓްރަމްޕް އިހްތިޔާރު ކުރައްވަފާނެ ކަމެއް ކަމަށެވެ.
ނަމަވެސް، މިފަދަ އޮޕަރޭޝަނަކީ ނުރައްކާތެރި އަދި އުނދަގޫ ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެ އެވެ. އައިއޭއީއޭ ގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ ވިދާޅުވީ، ގެންގުޅެން އުނދަގޫ އަދި ނުރައްކާތެރި ގޭސް ހިމެނޭ ސިލިންޑަރުތަކެއް އަތުލައިގަތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އިއުތިކާފުގައި އިންނަން ވަރަށް ބޭނުންވޭ: ޝާހްރުކް ޚާން
ޝައްވާލު މަހުގެ ހަ ރޯދަ ދޫކޮށްލައިގެން ނުވާނެ!
ދިރާގުން ފިތުރު އީދާ ގުޅިގެން ސައުދީއަށް ހިލޭ ގުޅޭނެ