ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބާއްވައިފިނަމަ، ރައީސުލްޖުމްހޫރިއްޔާ މަގާމުން އަޒުލުކުރުމުގެ ފުރުސަތު ވަރަށް ބޮޑުވެގެންދާނެ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސުއޫދު ވަނީ މި ނިންމުމާ މެދު އޮތް ކަންބޮޑުވުންތައް ހިއްސާކުރައްވާފަ އެވެ.
ސިޔާސީ ގޮތުން ކުރިމަތިވެދާނެ ނުރައްކާތައް
ސުއޫދު ފާހަގަކުރެއްވި ގޮތުގައި، ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ވިސްނަވަން ޖެހޭނެ ކަމެކެވެ. އޭނާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބާއްވައިފިނަމަ އޭގެ ދެ ދުވަސް ފަހުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީސުލްޖުމްހޫރިއްޔާ ނުހުންނެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ދެ އިންތިހާބު އެއްކޮށް ލަން ވޯޓު ނަގާ ދުވަސް ނޫން އަނެއް ދުވަހު ރައީސުލްޖުމްހޫރިއްޔާ މަގާމުގައި ނުހުންނަވާފާނެ. މާނައަކީ ރައީސް އަޒުލުކުރުމުގެ ފުރުސަތު ނުވަތަ އެކަން އެގޮތަށް ކުރުމުގެ 'ޗާންސް' ވަރަށް ބޮޑޭ،" ސުއޫދު ވިދާޅުވި އެވެ.
މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުގެ ބިރު
މިފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ސުއޫދު ފާހަގަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އިންތިހާބުވާ ވޯޓާއި މަޖިލިސް މެމްބަރުން އިންތިހާބުކުރާ ވޯޓު އެއްދުވަހެއްގައި ބާއްވާއިރު، ރައީސަށް އަޣްލަބިއްޔަތު ލިބިފައި މަޖިލީހުގެ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ލިބުމަކީ ވަރަށް އެކަށީގެންވާ ކަމަކަށް ވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ ދެ އިންތިޚާބުގެ ނަތީޖާ އެއްގޮތަކަށް ހިނގައިދާނެ ކަމަށް އުއްމީދުކޮށްގެން ނުވާނެ ކަމަށެވެ.
މި އިސްލާހާ ގުޅޭގޮތުން ބާއްވާ ރެފަރެންޑަމްގައި "ނޫނެކޭ" ބުނަންޖެހޭ ސަބަބުތައް ގިނަ ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ބުނަމުންނެވެ. ރައީސް މުހައްމަދު މުއިއްޒު މިގޮތަށް ވިސްނެވި ސަބަބެއް ނޭނގޭ ކަމަށާއި، އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް މަޖިލީހުގެ މައިނޯރިޓީ ލިބުމަކީ ސަރުކާރަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް ސުޢޫދު ވިދާޅުވި އެވެ.
ސުއޫދު އިތުރަށް ވިދާޅުވީ މަޖިލީހުގެ އަޣްލަބިއްޔަތު ނެތި ސަރުކާރެއް ހިންގަން ޖެހުމަކީ ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ. އެފަދަ ހާލަތެއްގައި ސަރުކާރަށް "ރީތި ބޮނޑިއެއް" ލިބުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ، އޭނާ ވަނީ މިކަމުގެ ސީރިއަސްކަން ހާމަކުރައްވާފަ އެވެ.
2 ގައުމުގެ ގުޅުމާއި ސަރަހައްދީ މަސްލަހަތާ ގުޅޭގޮތުން މަޝްވަރާކުރި
ހަނގުރާމަ ނިންމަން ސުލްހައިގެ ޕްލޭނެއް އެމެރިކާއިން ހުށަހަޅައިފި
އީރާނުގެ ސަފީރު ވަގުތުން ލުބުނާނުން ބޭރުވުމަށް އަންގައިފި