އީރާން ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަކުރެވޭނެ ދާއިރާތައް ދެނެގަނެ، ބަޖެޓުން ފައިސާ ސޭވް ކުރެވޭނެ ގޮތްތަކުގެ ޕްލޭނެއް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ރައީސް މުހައްމަދު މުއިއްޒަށް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން މިހާރު އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މާކެޓަށް އަންނަ ބަދަލުތަކާ ގުޅިގެން ފައިނޭންސިން ހޯދުމުގައި ވެސް ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ފައިނޭންސް ކުރެވޭނެ ކޮންމެވެސް މެކޭނިޒަމެއް ގެންނަން ޖެހޭނެ. ޓޯޓަލް ފައިނޭންސިން އެވެއިލަބަލްވާނެ އަދަދަށް ވެސް ބަދަލު އަންނާނެ. މިހާ ބޮޑު މާކެޓް ވޮލަޓިލަޓީއެއް އައިމަ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭ އަޅުގަނޑު ރައީސް އަރިހަށް ދާނަން،" ޒަމީރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓުމަކަށް އައި ނަމަވެސް، އާންމު ހާލަތަކަށް ރުޖޫއަވުމަށް މަދުވެގެން ހަތަރު މަސް ދުވަސް ނަގާނެ ކަމަށް އެނަލިސްޓުން ލަފާކުރާ ކަމަށެވެ. އެހެންކަމުން، މި ހާލަތަށް ރިއާޔަތްކޮށް ހާއްސަ ޕްލޭނެއް ތައްޔާރުކުރަމުންދާ ކަމަށާއި، އެ ޕްލޭން އެއްކޮށް އާންމު ނުކުރެވުނު ނަމަވެސް އޭގައި ހުރި މުހިއްމު ކަންކަން ހާމަކުރައްވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ހިންގާ ހަނގުރާމައާ ގުޅިގެން، ރާއްޖެއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީން ގާތްގަނޑަކަށް 85 މިލިއަން ޑޮލަރު ގެއްލޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.
އާމްދަނީ ދަށްވި ނަމަވެސް، ކޮންމެހެން ކުރަންޖެހޭ ބައެއް ހަރަދުތައް ހުންނާނެ ކަމަށާއި، ނަމަވެސް ހަރަދު ކުޑަކުރުމުގެ ގޮތުން ބައެއް މަޝްރޫއުތައް ފަސްކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.
މުއިއްޒުގެ ދިފާއުގައި މީޑިއާ ކޮންޓްރޯލް ކޮމިޝަން ތެދުވެއްޖެ
އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލަން އެއްބަސްވި