އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ހުށަހަޅުއްވާފައިވާ ސުލުހައިގެ ޕްލޭނަށް ރައްދު ދޭނީ ވަރުގަދަ މިސައިލް ހަމަލާތަކުން ކަމަށް ބުނެ އެމެރިކާގެ ރައީސް ޓްރަމްޕް އަށް އީރާނުން އިންޒާރު ދީފި އެވެ.

އީރާނުގެ އަސްކަރީ އިސް ބޭފުޅުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްލާމީ އުންމަތުގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް އެކުލަވާލާފައިވާ އެއްވެސް ޕްލޭނަކަށް އެގައުމުން ތާއީދެއް ނުކުރާނެ އެވެ. އަދި ޓްރަމްޕްގެ މި ސިޔާސަތުތަކަށް ރައްދު ދިނުމުގައި ބޭނުންކުރާނީ މިސައިލާއި ޑްރޯން އަދި ބޮޑުބަޑި ކަމަށް ބުނެ އީރާނުން ވަނީ އިންޒާރު ދީފަ އެވެ.

އީރާނުން މިހެން ބުނެފައި ވަނީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލާގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އީރާނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އިސްލާމީ މުގައްދަސް ބިންތަކުގެ ހުރުމަތް ކަނޑާލުމަށް ކުރެވޭ އެއްވެސް މަސައްކަތަކަށް ފުރުސަތެއް ނުދޭނެ އެވެ.

މި މައްސަލައިގައި އީރާނުގެ ރޫހާނީ ލީޑަރާއި އަސްކަރީ ކޮމާންޑަރުން ދެކޭގޮތުގައި، މެދުއިރުމަތީގައި ސުލުހަ ގާއިމްކުރެވޭނީ ބޭރުގެ ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓާލައި، ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ބިންތައް އަނބުރާ ލިބިގެންނެވެ.

އީރާނުން މިފަދަ ހަރުކަށި ބަހުރުވައަކުން އިންޒާރު ދީފައި މިވަނީ، އެމެރިކާއިން އިޒްރޭލަށް ދެމުންދާ އެހީތެރިކަމާއި، ސަރަހައްދީ މަސްލަހަތު ގަޑުބަޑުވަމުންދާ ދަނޑިވަޅެއްގަ އެވެ. އީރާނުން އިތުރަށް ބުނެފައިވަނީ އެގައުމުގެ ދިފާއީ ގާބިލްކަން ހުރީ ކޮންމެފަދަ ހަމަލާއަކަށް ވެސް ތައްޔާރަށް ކަމަށެވެ.