ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ބޮޑު ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ކައިވެރިވެފައިވަނިކޮށް ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގެ އެކި ވަޒީފާތަކަށް ގިނަ އަދަދަކަށް މީހުން ނަގަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު، މި ދެފަހްތާ ތެރޭގައި ޔޫތު މިނިސްޓްރީއަށް އެކަނި ވެސް ސިޔާސީ ގިނަ މުވައްޒަފުންތަކެއް ވައްދާފައިވެ އެވެ. ހަމައެއާއެކު ޓޫރިޒަމް މިނިސްޓްރީން ވެސް ފަސް މީހަކު ނަގާފައިވާ ކަމަށް ވެއެވެ. އަދި މި ދުވަސްވަރު އެންމެ ގިނައިން މީހުން ނަގަމުން ގެންދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއަށެވެ.

މީގެ އިތުރުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނީ ގިނަ އަދަދެއްގެ ފަންނާނުންނަށް ވެސް ވޯޓާ ދިމާކޮށް ބޮޑު މުސާރަލިބޭ ވަޒީފާ ހަމަޖައްސަމުން ދާ ކަމަށް ބުނެ އެވެ. އެގޮތުން ފިލްމީ ތަރި ނިއުމާ އެމްޓީސީސީގެ އޮޕަރޭޝަންސް ކޯޑިނޭޓަރަކަށް އަދި ލަވަކިޔުންތެރިޔާ އުމަރު ޒާހިރު އެޗްޑީސީގެ މެނޭޖަރަކަށް ވަނީ ހަމަޖައްސާފަ އެވެ.

މި ދެ ފަރާތަށް ވެސް ގާތްގަނޑަކަށް 40،000 ރުފިޔާގެ މުސާރައެއް ލިބޭ ކަމަށާއި، ނަމަވެސް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ތުހުމަތުކޯށްފަ އެވެ. މީގެ އިތުރުން ރަށްރަށުގެ މަސްވެރިންނަށް ވެސް އާރްޑީސީ އާއި ފެނަކައިގެ ގޮފިތަކުން މަގާމުތައް ދެމުންދާ ކަމަށް އެނގިފައިވެ އެވެ.

އިންތިހާބަކާ ގުޅުވައިގެން ސިޔާސީ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ރައީސް މުޙައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް ސިޔާސީ މަގާމާއި ކުންފުނިތަކަށް މީހުން ވެއްދުން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ކުންފުނިތަކަށް މީހުން ނަގަނީ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތައް ހިންގުމަށް ކޮންމެހެން ބޭނުންވާ ވަރަށް ކަމަށެވެ.

މިހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އެމަނިކުފާނު ވިދާޅުވީ މި ވަޒީފާތައް ދެނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ނޫން ކަމަށާއި، ހަވާލުވެފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ޖާގަ އޮތް މަގާމުތަކެއް ކަމަށެވެ.

އިންތިހާބު ބޯމަތިވެފައި ވަނިކޮށް މިފަދަ ގޮތަކަށް ގިނަ ވަޒީފާތަކެއް ދެމުންދާތީ، މިއީ ވޯޓަށް ނުފޫޒު ފޯރުވުމުގެ ޢަމަލެއް ކަމަށް އިދިކޮޅު ފަރާތްތަކާއި އާންމުން ދަނީ ތުހުމަތު ކުރަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ކުރީގެ މަޖިލިސް އިންތިހާބާ ދިމާކޮށް ވެސް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއަށް ނެގި އެވެ.

މެދުއިރުމަތީގައި އިޒްރޭލާއި އެމެރިކާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދު ހީނަރުވެފައިވާ ވަގުތެއްގައި، އެންމެ ބޮޑަށް އަސަރުކުރާނެ ކަމަށް ބެލެވޭ އޭޝިއާގެ ގައުމުތަކުން ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް، ރާއްޖެއިން ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާތަނެއް ނުފެނެ އެވެ.

އޭގެ ބަދަލުގައި ފެންނަމުން ދަނީ ރައީސް މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަގާމުތައް ދީފައިވާ އެތައް ބަޔަކު ފުރަ ފުރައިގެން ރަށްރަށަށް ގޮސް ދައުލަތުގެ ފައިސާ އިސްރާފު ކުރަމުންދާ މަންޒަރެވެ. އިންތިހާބާ ގުޅުވައިގެން ރައީސް ރަށްރަށަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ހިމެނޭހެން ސިޔާސީ ގިނަ ބަޔަކު ގެންދަނީ ރަށްރަށުގައި ކެމްޕޭން ކުރަމުންނެވެ.