އައްޑޫގެ 18 މަގެއްގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު ގެނެސް، މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އިންޑިއާގެ ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން އެ އަތޮޅުގެ ގިނަ މަގުތަކެއްގައި ތާރު އަޅާ އިރު، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑުމަގުގެ އިތުރުން ފޭދޫ ރަށްދެބައި މަގު ރީސަފޭސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އިންޑިއާގެ އެހީގައި ކުރިޔަށް ގެންދާ އެ މަޝްރޫއުއަށް 134 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މި މަޝްރޫއުގެ ސަބަބުން އައްޑޫގެ މަގުތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމަށް އައްޑޫ ސީޓީ ކައުންސިލުން ބުންޏެވެ.

މަގު ހެދުމަށް އަލަށް ގެންދިޔަ ސާމާނާ އެކު، އައްޑޫގެ މަގުތައް ހެދުމުގެ ދެވަނަ މަޝްރޫއެއް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން 25 ކިލޯމީޓަރުގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ، އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އިންޖިނިއަރިން ލިމިޓެޑާއި އެލް އީއޭ އެސޯސިއޭޓްސް ސައުތު އޭޝިއާ ޕްރައިވެޓް ލިމިޓެޑާ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 12 ގައި ހަވާލުކޮށްފަ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީއާ ހަވާލާދީ ކައުންސިލުން ބުންޏެވެ.

މި މަޝްރޫއުގެ ތެރޭގައި ހިތަދޫ އަވަށުން 90 ހެކްޓަރުގެ ބިމަކާއި މަރަދޫ އަދި މަރަދޫފޭދޫ އިން 75 ހެކްޓަރު އަދި ހުޅުދޫ އާއި މީދޫން 38 ހެކްޓަރުގެ އިތުރުން 25 ހެކްޓަރުގެ ބިން ރިސޯޓު ތަރައްގީ ކުރުމަށް ހިއްކާނެއެވެ. އަދި އައްޑޫގެ ހުރިހާ މަގެއްގެ ފެން ހިންދާ ނިޒާމް ގާއިމް ކުރެވޭ އިރު، މަގު ބައްތި ޖެހުމުގެ މަސައްކަތާ އެކު، ސީސީޓީވީ ސިސްޓަމް ވެސް ގާއިމް ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.