ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލި ރުސަތުގައި ތިން ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފި އެވެ.

ހޯމް މިނިސްޓްރީން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު މެންދުރު ހަމަވިއިރު، ކުރިމަތިލެއްވީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އާއި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ކަމަށެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެންމެފަހުން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ.

މިހާރު އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދާ އެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ނަވީން އައްޔަންކުރެއްވީ މި ސަރުކާރުގެ އެންމެ ފުރަތަމަ ކޮމިޝަނަރު އަލީ ޝުޖާއު ރިޓަޔާކުރެއްވުމުންނެވެ. އެހެންކަމުން ދެން އައްޔަންކުރާނީ މި ސަރުކާރުގެ ތިން ވަނަ ޕޮލިސް ކޮމިޝަނަރެވެ.