މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ޖިހާދުކުރުމަށް ވުރެ ވެސް މަތިވެރިވެގެންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މައިންބަފައިންނަށް ކަމޭހިތުމާ ގުޅޭގޮތުން ހުތުބާގައި ބުނީ މާތްﷲ ވަނީ ބާއްޖަވެރިކަމުގެ އަސާސެއްކަމުގައި މައިންބަފައިން ލައްވާފައި ކަމަށެވެ. އެ ދެ މީހުންގެ ހައްގު ނުހަނު މަތިވެރި ކަމަށާއި ދަރީންގެ ބާއްޖަވެރިކަމަށް ޓަކައި، އެ ދެ މީހުންވާ ގުރުބާނީގެ އަގު ވަރަށް ބޮޑު ކަމަށް ހުތުބާގައި ފާހަގަކުރި އެވެ.
އިހުސާންތެރިކަމާއި މާތްކަމުގައި މައިންބަފައިންނާ އަޅައިކިޔޭ ވަރުގެ ބަޔަކު ނުވާ ކަމަށާއި އެ ދެ މީހުންގެ ހެޔޮކަމަށް ބަދަލެއް ނުދެވޭނެކަން ފާހަގަކޮށް ހުތުބާގައި ބުނީ މައިންބަފައިން ދަރީންނަށް ހެޔޮ އެދޭލެއް ބޮޑުކަމުން، އެބައިމީހުންނަށް ނުލިބޭ ނިއުމަތްތައް ވެސް ދަރީންނަށް ލިބުން އެދޭ ކަމަށެވެ.
"ދަރީން ހެޔޮ ގޮތުގައި ބޮޑުކުރުމަށް ޖާނާއި މާލުން މައިންބަފައިން ގުރުބާންވޭ. އެފަދަ ބޮޑެތި ގުރުބާނީތަކެއްވާ ބަޔަކަށް ހެޔޮކޮށް ހިތުމަކީ، ދުނިޔަވީ ނަޒަރަކުން ވިސްނައިލިކަމުގައި ވިޔަސް ކޮންމެހެން ލާޒިމުކަމެއްކަމަށް އިންސާނީ ބުއްދި ގަބޫލުކުރާ ކަމަށް،" ހުތުބާގައި ބުނެފައިވެ އެވެ.
އިސްލާމްދީނުގައި މައިންބަފައިންނަށް އޯގާތެރިވެ، އަޅައިލައި، ކިޔަމަންތެރިކަން އަދާކުރުމަށް އަމުރުކުރައްވާފައިވާ ކަމަށާއި ކީރިތި ޤުރްއާނުގެ ހަތް ތަނެއްގައި މާތްﷲ މައިންބަފައިންގެ ވާހަކަ ބަޔާން ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ. އޭގެ ތެރެއިން ހަތަރު ތަނެއްގައި ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށާއި، އެކަލާނގެއަށް ޝަރީކު ނުކުރުމަށް އެންގެވުމާ ވިދިގެން މައިންބަފައިންނަށް ކިޔަންމަންތެރިކަން އަދާކުރުމުގެ ވާހަކަ ބަޔާންވެގެންވާ ކަމަށް ހުތުބާގައިވެ އެވެ.
"މައިންބަފައިންނަށް ކަމޭހިތުމީ ނަބީ ބޭކަލުންނާއި ސޯލިހުންގެ ހުލްގުފުޅެއް. އެއީ މުސީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ހާސިލުކޮށްދޭ އަދި ދުއާ އިޖާބަކުރެއްވުމުގެ ސަބަބެއް. އެކަމުގެ ސަބަބުން ހިތަށް ހަމަޖެހުން ލިބި، ދިރިއުޅުން ރަނގަޅުވޭ. މާތްﷲގެ ހައްގު އަދާކުރުމަށް އަމުރުކުރެއްވެވުމާ ވިދިގެން ދެން އަމުރު ކުރެއްވެވީ މައިންބަފައިންގެ ހައްގުތައް އަދާކުރުމަށް،" ހުތުބާގައިވެ އެވެ.
މައިންބަފައިންނަށް ކިޔަމަންތެރިވެ އިހުތިރާމުކުރުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށް ހުތުބާގައި ހަނދާން ކޮށްދީފައިވެ އެވެ. އަދި އެ ދެ މީހުންނަށް ހެޔޮކޮށް ހިތުމަކީ މާތްﷲގެ ހަޒުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ އަމަލެއް ކަމަށާއި އެއީ ﷲ ގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މަތިވެރިވެގެންވާ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި
އެންސްޕާގެ އިހުމާލުން ކުއްޖަކު މަރުވި މައްސަލައެއް ބަލަނީ
އުސް ފައިވާނުގައި ފަސޭހަ ކަމާއެކު