ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބޮޑެތި ލޮޅުންތަކާ ގުޅިގެން، މެލޭޝިޔާ ސަރުކާރުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭ ގޮތް ހަމަޖެއްސުމާ އެކު، އެ ގޮތަށް އަމިއްލަ ކުންފުނިތަކުންވެސް އަމަލުކުރުމަށް ބޮޑުވަޒީރު އަންވަރު އިބްރާހީމް އިލްތިމާސްކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހު ބޮޑުވަޒީރު ދެއްވި ހާއްސަ ބަޔާނުގައި ވިދާޅުވި ގޮތުގައި، އިރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ހޮރްމޫޒު ކަނޑުއޮޅި ބަންދުވެ، ބައިނަލްއަގުވާމީ ތެލުގެ ބާޒާރު ވަނީ ބޮޑު ހީނަރުކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ. ދުނިޔޭގައި ބޭނުންކުރާ ތެލާއި ގޭހުގެ 20 އިންސައްތަ ދައުރުވާ އެ ކަނޑުއޮޅި ބެދުމާ އެކު ތެލުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކުރެއްވި އެވެ.

މި ހާލަތާ ގުޅިގެން ސިވިލް ސާވިސް މުވައްޒަފުންނަށް ގެއިން މަސައްކަތްކުރެވޭނެ އިންތިޒާމު މަރުހަލާތަކަކަށް ބަހައިލައިގެން ތަންފީޒުކުރަމުންދާ ކަމަށް އަންވަރު ވިދާޅުވި އެވެ. އަދި ބޭންކިން ދާއިރާއާއި ބޮޑެތި އަމިއްލަ ކުންފުނިތަކުންވެސް ހަމަ އެ މޮޑެލް އިހުތިޔާރުކުރުމަށް އެ މަނިކުފާނު ބާރުއެޅުއްވި އެވެ.

ހަކަތައިގެ ދަތިކަމާ ކުރިމަތިލުމަށް ތެލުގެ ސަބްސިޑީއަށްވެސް ބަދަލު ގެންނަން މެލޭޝިޔާގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން މީހަކަށް މަހެއްގެ މައްޗަށް ކަނޑައަޅާފައިވާ 300 ލިޓަރުގެ ކޯޓާ، އަންނަ މަހުން ފެށިގެން 200 ލިޓަރަށް ކުޑަކުރެވޭނެ އެވެ. އެހެންނަމަވެސް ގިނަ ރައްޔިތުން އާންމުކޮށް ހޭދަކުރަނީ 100 ލިޓަރު ކަމަށް ވާތީ، 90 ޕަސެންޓު މީހުންނަށް މި ބަދަލުގެ އަސަރު ނުކުރާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. ހަމައެއާ އެކު، އިރުމަތީ މެލޭޝިޔާއިން ވަގަށް ޑީސަލް ބޭރުކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އެއް ފަހަރާ ތެޔޮ އެޅޭ މިންވަރު 50 އާއި 150 ލިޓަރާ ދެމެދަށް ވަނީ ހިފެހެއްޓައިފަ އެވެ.

ހަނގުރާމައިގެ ސަބަބުން އިގުތިސާދީ ގޮތުން އަސަރުކުރާނެ ކަމަށް ބެލެވޭ އޭޝިޔާގެ ގިނަ ގައުމުތަކުން މިހާރު ދަނީ ހަރަދުކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ތައިލެންޑާއި ސްރީލަންކާ އަދި ބައެއް އެހެން ގައުމުތަކުގައި ވަނީ ފިޔަވަޅުތައް އަޅާފަ އެވެ.