އީރާނާއި އެމެރިކާ-އިޒްރޭލާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ސަރަހައްދީ ޑިޕްލޮމޭޓުން މަސައްކަތް ކުރަމުންދަނިކޮށް، އިޒްރޭލުން އީރާނުގެ މެދުތެރޭ ސިޓީއެއް ކަމަށްވާ ޔަޒްދުގައި ހުންނަ ޔުރޭނިއަމް އުފައްދާ މަރުކަޒަކަށް ހަމަލާދީފިކަން އިޒްރޭލު ސިފައިން ކަށަވަރުކޮށްދީފި އެވެ.
އިޒްރޭލުގެ ވައިގެ ސިފައިން ބުނި ގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވަނީ ޔުރޭނިއަމް މުއްސަނދިކުރުމަށް ބޭނުންވާ ރޯ މެޓީރިއަލް ނުވަތަ ރޯ މާއްދާތައް ނެގުމަށް ބޭނުންކުރާ ކާރުހާނާއަކަށެވެ. މިއީ އީރާނުގެ ނިއުކްލިއާ އުމްރާނީ ވަސީލަތްތަކުގެ ތެރެއިން ވަރަށް މުހިންމު ތަނެއްގެ ގޮތުގައި އިޒްރޭލުން ސިފަކުރެ އެވެ.
އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން މި ހަމަލާ ދިންކަން ކަށަވަރުކޮށްދިން ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި ރޭޑިއޭޝަން ބޭރުވެފައި ނުވާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، އީރާނުގެ ބޫޝެހްރު ނިއުކްލިއާ ޕަވާ ޕްލާންޓް ކައިރިއަށް ވެސް ހަމަލާއެއް އަރާފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. ނަމަވެސް އެ ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި، މާލީ ގޮތުން ނުވަތަ ފަންނީ ގޮތުން ވެސް އެއްވެސް އުނިކަމެއް އައިސްފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
ހުކުރު ދުވަހަކީ މި ހަނގުރާމައަށް 28 ދުވަސް ފުރުނު ދުވަހެވެ. އިޒްރޭލު ސިފައިން ދިން މި ހަމަލާތަކަކީ އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކުގެ ބައެކެވެ. މީގެ ތެރޭގައި އީރާނުގެ މެދުތެރޭގައި ހުންނަ ހޮންދާބް ހެވީ ވޯޓާ ކޮމްޕްލެކްސްގެ އިތުރުން، ހޫޒެސްތާން ސްޓީލް ފެސިލިޓީއާއި އިސްފަހާންގައި ހުންނަ މުބާރަކާ ސްޓީލް ކޮމްޕްލެކްސްއަށް ވެސް ވަނީ ހަމަލާދީފައެވެ.
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، އިޒްރޭލުން ދިން މި ހަމަލާތަކުގެ ބަދަލު ވަރަށް ހިތިކޮށް ހިފާނެ ކަމަށެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އިޒްރޭލުން އީރާނުގެ އެންމެ ބޮޑު ދެ ދަގަނޑު ކާރުހާނާއަށާއި، އިންޖީނުގެއަކަށް އަދި މަދަނީ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ.
މީގެ އިތުރުން ތެހެރާނާއި، ކާޝާން އަދި އަހްވާޒް ސަރަހައްދުތަކަށް ވެސް ހަމަލާދީފައިވާއިރު، ގުމް ސިޓީން 18 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނީއްސުރެ އެމެރިކާ-އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،900 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ހަމަލާތަކުގައި އެގައުމުގެ 120 އަށްވުރެ ގިނަ ދާރުލްއާސާރުތަކާއި ތާރީހީ ބިނާތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.
ސެންޓަރ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ ސީނިއާ ފެލޯ ނެގާ މުރުތަޒަވީ އަލްޖަޒީރާއަށް ވިދާޅުވީ، އީރާނުގެ ސަރުކާރަށް ފާޑުކިޔާ މީހުން ވެސް މިހާރު މި ހަނގުރާމަ ދެކެނީ ސަރުކާރަށް ދޭ ހަމަލާއެއްގެ ގޮތުގައެއް ނޫން ކަމަށާއި، މިއީ މުޅި އީރާނުގެ ރައްޔިތުންނަށް ދޭ ހަމަލާއެއްގެ ގޮތުގައި ކަމަށެވެ. ފެނާއި، ކަރަންޓާއި، ގޭސް އަދި ސަގާފީ ތަންތަނާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އިޒްރޭލުގެ ދިފާއީ ވަޒީރު އިޒްރޭލު ކަޓްޒް ބުނީ، އިޒްރޭލުގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ހަމަލާދޭ ތަންތަން ފުޅާކުރާނެ ކަމަށެވެ. އޭނާ ތުހުމަތުކުރާ ގޮތުގައި ތެހެރާނުން ދަނީ ގަސްދުގައި އިޒްރޭލުގެ އާންމުންނަށް އަމާޒުކޮށް މިސައިލް ހަމަލާދެމުންނެވެ.
އައިއާރްޖީސީގެ އެއިރޯސްޕޭސް ކޮމާންޑަރު ސައްޔިދު މަޖީދު މޫސަވީ އިންޒާރު ދެއްވި ގޮތުގައި، މި ހަމަލާތަކާއެކު ހަނގުރާމަ އާ މަރުހަލާއަކަށް މިވަނީ ގޮސްފަ އެވެ. އަދި ދެން އޮންނާނީ "ލޮލަކަށް ލޮލެއް" ނޫން ކަމަށާއި، އެއަށްވުރެ ވަރުގަދަ ބަދަލެއް ހިފާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ސަރަހައްދުގައި ހުރި އެމެރިކާއާއި އިޒްރޭލާ ގުޅުންހުރި ކާރުހާނާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަގުތުން އެ ތަންތަނުން ނުކުތުމަށް އޭނާ ގޮވާލެއްވި އެވެ.
އީރާނުގެ މުހިންމު ދެ ނިއުކްލިއާ މަރުކަޒަށް ހަމަލާދިނުމާ ގުޅިގެން، އިޒްރޭލުގެ ނިއުކްލިއާ މަރުކަޒު ކަމަށްވާ "ދިމޯނާ" އަށް އައިއާރްޖީސީން އަލުން ހަމަލާދިނުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހުކުރު ދުވަހުގެ ހަމަލާތަކުގެ ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވީ އީރާނުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް ދޭން އުޅުނު ހަމަލާތައް 10 ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އީރާނުގެ އޮފިޝަލުން ވަނީ އެމެރިކާގެ މި ވާހަކަތައް ދޮގުކޮށްފަ އެވެ. އީރާނުން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވަނީ އިންސާފެއް ނެތް، އެއްކޮޅަށް ޖެހިފައިވާ ހުށަހެޅުންތަކެކެވެ. އީރާނުން ހުށަހަޅާ ޝަރުތުތަކުގެ ތެރޭގައި ހަނގުރާމައިގެ ބަދަލު ދިނުމާއި ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނަށް އޮތްކަން ގަބޫލުކުރުން ހިމެނެ އެވެ.
މި ދަނޑިވަޅުގައި ޕާކިސްތާނުން ދަނީ ދެ ފަރާތުގެ މެދުގައި މެސެޖުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ތުރުކީއާއި މިސްރުން ވެސް ދަނީ މި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތާއީދުކުރަމުންނެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، މި އޮޕަރޭޝަން ކުރިއަށް އޮތް ހަފުތާތަކެއްގެ ތެރޭގައި ނިމޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަ
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނެގުމަށް އީރާނުން ކުރާ މަސައްކަތަކީ ޣައިރު ގާނޫނީ، ނުރައްކާތެރި ކަމެއް ކަމަށް ރޫބިއޯ ވިދާޅުވި އެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ހުކުރު ދުވަހު ބުނީ، ދުޝްމަނުންނާ ގުޅުންހުރި ބަނދަރުތަކަށް ދަތުރުކުރާ ތިން އުޅަނދެއް އެ ސަރަހައްދުން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
އދ. އިން ވަނީ މި ކަނޑުއޮޅި މެދުވެރިކޮށް ގަސްކާނާއާއި އެނޫންވެސް ޒަރޫރީ މުދާ އުފުލުމަށް މަގުފަހިކުރުމަށް ޚާއްސަ ޓާސްކް ފޯހެއް އުފައްދާފަ އެވެ. ޖީ7 ގެ ގައުމުތަކުން ނެރުނު ބަޔާނެއްގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން މި ސަރަހައްދުން މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ގޮވާލާފަ އެވެ.
ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްއިއްޔާ އިން ބުނީ، މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ މީހުންގެ އަދަދު 363 މިލިއަނަށް އަރާނެ އެވެ. މިއީ ހަކަތައިގެ އަގު އުފުލުމާއި ކާބޯތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ކުރިމަތިވާނެ ބޮޑު ތަދެކެވެ.
ނިދަން އޮށޯންނަމުން ފޯނު ޗާޖަށް ޖެހުމަކީ ގޯހެއް!
ތުވާލިތަކުގައި ހުންނަ އޮމާން ފަށުގެ ބޭނުމަކީ؟
އިންތިހާބު އެއްކޮށްގެން ސަލާމަތްވަނީ ބޮލަކަށް 5 ލާރި: އަހުމަދު