އިޒްރޭލްގެ އަސްކަރިއްޔާއިން އީރާނުގެ ތިން ސަރަހައްދެއްގައި ހުރި ނިއުކްލިއާ ޕްރޮގްރާމާ ގުޅުންހުރި މަރުކަޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން އިޒްރޭލުގެ 50 އަށް ވުރެ ގިނަ ފައިޓާ ޖެޓް ބައިވެރިވެފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
އިޒްރޭލްގެ ވައިގެ ސިފައިން ބުނި ގޮތުގައި މި ހަމަލާ އަމާޒުކޮށްފައި ވަނީ ޔުރޭނިއަމް މުއްސަނދި ކުރުމަށް ބޭނުންވާ ރޯ މެޓީރިއަލް ނުވަތަ ރޯ މާއްދާތައް ނެގުމަށް ބޭނުންކުރާ ކާރުހާނާ އަކަށެވެ. މިއީ އީރާނުގެ ނިއުކްލިއާ އުމްރާނީ ވަސީލަތްތަކުގެ ތެރެއިން ވަރަށް މުހިންމު ތަނެއްގެ ގޮތުގައި އިޒްރޭލުން ސިފަކުރެ އެވެ.
އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން މި ހަމަލާ ދިންކަން ކަށަވަރުކޮށްދިން ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި ރޭޑިއޭޝަން ބޭރުވެފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އީރާނުގެ ބޫޝެހްރު ނިއުކްލިއާ ޕަވާ ޕްލާންޓް ކައިރިއަށް ވެސް ހަމަލާއެއް އަރާފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. ނަމަވެސް އެ ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި، މާލީ ގޮތުން ނުވަތަ ފަންނީ ގޮތުން ވެސް އެއްވެސް އުނިކަމެއް އައިސްފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުޅަނގު އަޒަރުބައިޖާން ސަރަހައްދުގައި އިޒްރޭލާ ގުޅުން އޮންނަ އަށް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި މީހުންނަކީ އީރާނުގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި އޮޕަރޭޝަންތަކެއް ހިންގުމަށް ރާވަމުންދިޔަ ބައެއް ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި ބޫޝެހްރުގައި ހުންނަ މެތަނޯލް އުފައްދާ ކޮމްޕްލެކްސްގެ ޕިއާ އަށް ވެސް ވަނީ މިސައިލް ހަމަލާތަކެއް އަމާޒުވެފަ އެވެ. މި ހަމަލާގެ ސަބަބުން އެ ތަނުގެ ކޮންޓްރޯލް ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، އިޒްރޭލުން ބުނަމުންދަނީ މިއީ އެ ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އީރާނުން މިކަމާ ގުޅޭގޮތުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
ވިނަރެސް ފްލެޓެއްގައި ލޯންޑްރީއެއް ހިންގަނީ، އެޗްޑީސީ ހަނު
ކާތިކްއަކީ އެކަނިވެރިއެއް ކަމަށް އޭނާ ބުނީ ކީއްވެ؟