ޓްރީ ޓޮޕް ހޮސްޕިޓަލުން ދިގުމުއްދަތަކަށް ތަހައްމަލުކުރަންޖެހޭ ރިހުންތަކަށް ބައިނަލްއަޤުވާމީ ފެންވަރުގެ ފަރުވާ ފޯރުކޮށްދިނުމަށްޓަކައި، ހާއްސަ "ޕެއިން މެނޭޖްމަންޓް ކްލިނިކް" އެއް މިއަދު ހުޅުވައިފި އެވެ.

މި ކްލިނިކަކީ ބުރަކަށީގެ ރިހުން، ހުޅުތަކުގެ ބަލިތައް (އޮސްޓިއޯއާތުރައިޓިސް)، ކެންސަރާ ގުޅުންހުރި ރިހުންތަކާއި، ނާރުގެ ބަލިތަކުގެ ސަބަބުން ދާއިމީކޮށް ތަދު ތަހައްމަލުކުރާ ފަރާތްތަކަށް އައު އުންމީދެއް ގެނެސްދޭނެ ތަނެކެވެ. ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ގާއިމުކޮށްފައިވާ މި ކްލިނިކުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި، އިމޭޖް-ގައިޑެޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން ބަލި ދެނެގަނެ، ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަވާނެހެން އަވަސް ފަރުވާ ފޯރުކޮށްދިނުމަށް އިސްކަން ދީފައިވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މި ކްލިނިކުގެ ހިދުމަތްތައް ކުރިއަށްގެންދަވަނީ އެނެސްތީސިއޮލޮޖީގެ ދާއިރާއިން ހާއްސަ ތަމްރީނު ލިބިވަޑައިގެންފައިވާ ދެ ތަޖުރިބާކާރުން ކަމަށްވާ ޑރ. ފިއުނާ އަދި ޑރ. ބިޝްނޫގެ ބެއްލެވުމުގެ ދަށުންނެވެ. މި ކްލިނިކުގެ އެންމެ ބޮޑު އެއް ފައިދާއަކީ ހޮސްޕިޓަލުގެ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ "މަލްޓި-ޑިސިޕްލިނަރީ" ޓީމެއްގެ އެހީތެރިކަން ލިބުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ. މީގެ ސަބަބުން، އެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުން ގުޅިގެން މަސައްކަތްކުރެއްވުމުން، ކޮންމެ ބަލިމީހަކަށްވެސް އެމީހެއްގެ ބައްޔާ ގުޅޭ އެންމެ ފުރިހަމަ އަދި ފައިދާހުރި ފަރުވާގެ ނިޒާމެއް ކަނޑައެޅިގެންދާނެ އެވެ.

ކްލިނިކުން ފަރުވާ ލިބޭނެ މައިގަނޑު މައްސަލަތައް:

  • ދާއިމީކޮށް ބުރަކަށީގައި ރިހުން، ސިއާޓިކާ ނުވަތަ މައިބަދައިގެ މައްސަލަތައް.
  • ކަކޫ، އުނަގަނޑު ނުވަތަ ކޮނޑުހުޅުގެ އޮސްޓިއޯއާތުރައިޓިސް.
  • މަސްގަނޑަށް އަނިޔާވުން ނުވަތަ ކުޅިވަރުގެ ތެރެއިން ލިބޭ އަނިޔާތަކާ ގުޅިގެން ދިމާވާ ރިހުންތައް.
  • ދާއިމީ ބޮލުގައި ރިހުން (މައިގްރޭން) އަދި ނާރުގެ ބަލިތަކާ ގުޅިގެން ކުރިމަތިވާ ރިހުންތައް.
  • ކެންސަރު ބަލީގެ ސަބަބުން ނުވަތަ ބޮޑެތި ބަލިތަކާ ގުޅިގެން އުފެދޭ ރިހުންތައް.

ޕެއިން މެނޭޖްމަންޓް ކްލިނިކް ހުޅުވިފައި ހުންނާނީ ކޮންމެ ހަފުތާއަކު އާދީއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް، މެންދުރުފަހު 15:00 އިން ހަވީރު 18:00 އަށެވެ. ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކްލިނިކް ބަންދުވާނެއެވެ.

ރާއްޖޭގައި މިފަދަ މަތީ ފަންތީގެ ފަރުވާތައް ތައާރަފުކުރުމަކީ، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރަމުންދާ މުހިންމު މަސައްކަތެއްކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. މީގެ ސަބަބުން ދިވެހި ރައްޔިތުންނަށް އަމިއްލަ ޤައުމުގައި ތިބެގެން ފެންވަރު ރަނގަޅު ހިދުމަތްތައް ލިބިގެންދާނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ޒަމާނީ ވަސީލަތްތަކާއި އާ ހިދުމަތްތައް ތައާރަފުކުރުމުގައި އިސްދައުރެއް އަދާކުރާ ހޮސްޕިޓަލެކެވެ.

މި ކްލިނިކާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 3351610 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.