ލޯކަލް ކައުންސިލް އިންތިހާބާއި ބޮޑު ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ރިފަރެންޑަމް ވޯޓަށް ހަތަރު ދުވަހަށް ވެފައި ވަނިކޮށް، ކުރިއަށް އޮތް ދެ އަހަރު ވަންދެން ހިޔާ ފްލެޓުތަކަށް ކުލި ދައްކަން ނުޖެހޭ ގޮތަށް އެޗްޑީސީ އިން ހަދައިފި އެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހަރަދު ކުރި ފައިސާގެ ބަދަލުގެ ގޮތުގައި ދޭން ބުނި ދެ ލައްކަ ރުފިޔާގެ ބާކީ ދައްކަން ނުޖެހޭ ގޮތަށް ދައްކަން ނުޖެހޭގޮތަށް އެޗްޑީސީން މިއަދު ވަނީ ހަދާފަ އެވެ.

ފްލެޓްތަކުގެ ވެރިންނަށް އެޗްޑީސީން ފޮނުވި ސިޓީގައި ވަނީ ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ނުލިބިވާ އަދަދު ކުލިން މާފުކޮށްދޭއިރު، ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދައްކައިވާ ފައިސާއެއް ހުރި ނަމަ، އެ އަދަދު ޑިސްކައުންޓުން އުނި ކުރެވޭނެ ކަމަށެވެ. އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ނަމަ، ޑިސްކައުންޓަށްވާ ބައި އުނިކުރަނީ މަހަކު 5،300ރ. ރޭޓުންނެވެ. އެއީ އަންނަ މަހުން ފެށިގެންނެވެ.

އެޗްޑީސީން ޖަހާފައިވާ ހިސާބުތަކުގައި ވަނީ ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ނުދެވިވާ އަދަދަކި 135،714.35ރ. ކަމަށެވެ. މި ބަދަލާއެކު ގަވާއިދުން ކުލި ދައްކަމުން އަންނަ މީހުން ކުރިއަށް އޮތް ދެ އަހަރާއި އެއް މަސް ވަންދެން ކުލި ދައްކާކަކަށް ނުޖެހެ އެވެ. ނަމަވެސް މެއިންޓެނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ދައްކަން ޖެހެ އެވެ.

މި ބަދަލު ގެންނަނީ ފިނިޝިންއަށް ކުރި ހަރަދު އަނބުރާ ދިނުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު އެންމެ ފުރިހަމައަށް ހާސިލުކުރުމުގެ ގޮތުން ކަމަށް އެޗްޑީސީގެ ސިޓީގައި ވެ އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީއަށް ކާމިޔާބު ހޯދަން ސަރުކާރުން އަންނަނީ އާދަޔާ ހިލާފަށް ގިނައިން އެކި ކުންފުނިތަކުން ވަޒީފާތައް ދެމުންނެވެ.