އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ހަރަދުތައް ހަމަޖެއްސުމަށް އަރަބި ގައުމުތަކުގެ އެހީތެރިކަމަށް އެދުމަށް ޓްރަމްޕް ޝައުޤުވެރިކަން ފާޅުކުރައްވައިފި ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ހޯމަ ދުވަހު ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ހަރަދުތައް ހަމަޖެއްސުމަށް އަރަބި ދައުލަތްތަކުގެ ކިބައިން އެދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޝައުޤުވެރިވެވަޑައިގަންނަވަ އެވެ. އަދި ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ތެހެރާނާއެކު ކުރެވެމުންދާ މަޝްވަރާތައް ބާރުމިނުގައި ކުރިއަށްދާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ހަނގުރާމައަށް ހަރަދުކުރުމަށް އަރަބި ގައުމުތަކުން އިސްނަގާފާނެތޯ ނޫސްވެރިން ސުވާލުކުރުމުން، ލީވިޓް ވިދާޅުވީ ރައީސް ޓްރަމްޕްގެ ނިންމެވުންތަކުގެ ކުރިއަށް އޭނާ ވާހަކަދައްކަވަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް، އެއީ ޓްރަމްޕް ގެންގުޅުއްވާ ވިސްނުންފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ލީވިޓް ވިދާޅުވީ، އީރާނުން އާންމުކޮށް ދައްކާ ވާހަކަތަކާއި، ސިއްރިއްޔާތުގައި އެމެރިކާގެ އޮފިޝަލުންނަށް އަންގާ މައުލޫމާތުތަކާ ދެމެދު ބޮޑެތި ތަފާތުތަކެއް ހުރި ކަމަށެވެ. އަދި ވޮޝިންޓަނުން ހުށަހެޅި ބައެއް ކަންކަމަށް އީރާނުން ސިއްރިއްޔާތުގައި އެއްބަސްވެފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވި އެވެ.
ހޯމަ ދުވަހުގެ ކުރީކޮޅު ރައީސް ޓްރަމްޕް ވަނީ، އީރާނުން ހޮރްމުޒް ކަނޑުއޮޅި ނުހުޅުވައިފިނަމަ، އެ ޤައުމުގެ ހަކަތަ އުފައްދާ މަރުކަޒުތަކާއި ތެޔޮ ވަޅުތައް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. މި އިންޒާރު ދެއްވީ، އެމެރިކާއިން ހުށަހެޅި ސުލްހައިގެ ހުށަހެޅުންތަކަކީ ހަގީގަތާއި ހިލާފު ކަންތައްތަކެއް ކަމަށް ސިފަކޮށް، އީރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދިން ފަހުންނެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ އިން ހަނގުރާމައިގެ ކުރީކޮޅު އެ ގައުމުގެ ކޮންގްރެސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެކަނިވެސް 11.3 ބިލިއަން ޑޮލަރު ވަނީ ހަރަދުވެފަ އެވެ.
އުމުރާއެކު އިންސާނާގެ އަޑަށް ބަދަލު އަންނަނީ ކީއްވެ؟
ހަމަ ނިދި ނުލިބޭނަމަ ކުއްލި މަރަށް މަގުފަހިވޭ: ދިރާސާ
އާމިރު ޚާން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލި ސަބަބު!