ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް، މިހާރު އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އައްޔަނުކުރަން ފެންނަ ކަމަށް ޕޮލިސް ބޯޑުން ހޯމް މިނިސްޓަރު އަލީ އިހުސާންއަށް މިއަދު ލަފާދީފި އެވެ.
މި ލަފާ ދީފައިވަނީ އެ މަގާމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް އައްޔަނުކުރަން އިއްޔެ ނިންމުމަށްފަހު، އެ ނިންމުން ބަދަލުކުރުމަށްފަހުގަ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވީ ފަރުހާދުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު (ޓޫފޯ) އަދި އަބްދުﷲ ޝަރީފެވެ. ޕޮލިސް ބޯޑުން މި ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، އެ ތިން ބޭފުޅުންނަކީ ވެސް މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވަނީ ފަރުހާދު އަދި އަބްދުﷲ ޝަރީފްގެ މައްސަލަތަކެއް ހުރިކަން ބޯޑަށް އަންގާފަ އެވެ.
ފަރުހާދު ފިކުރީގެ މައްޗަށް ސީރިއަސް ޖިނާއީ ތުހުމަތުތަކެއް ކުރެވޭކަން ވަނީ ފާހަގަކުރެވިފަ އެވެ. އޭގެ ތެރޭގައި، "ރޭޕް ކޭސްއެއްގައި ހިމެނޭ އޭނާގެ ދަރިފުޅު ސަލާމަތް ކުރަން ހެކި ނައްތާލިކަމުގެ ތުހުމަތު" އާއި، މިދިޔަ އަހަރު އޭނާގެ ދަރިފުޅު ހައްޔަރު ކުރުމުން ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ހިމެނެ އެވެ. މީގެ އިތުރުން، ފަރުހާދަކީ 2021 ވަނަ އަހަރު ފުލުހުންގެ ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމައި ނޯޓިސްވެސް ދީފައިވާ ބޭފުޅެކެވެ.
ފުލުހުންގެ ގާނޫނުގައިވާ ގޮތުން، ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރަން އެންމެ ލާއިގު ބޭފުޅެއްގެ ނަން މިނިސްޓަރަށް ފޮނުވަން ޖެހެނީ އެންއައިސީ އާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން (ޕީއެސްސީ) ތައްޔާރުކުރާ ރިޕޯޓުތަކަށް ރިއާޔަތް ކުރުމަށްފަހު އެވެ.
މި މަރުހަލާ ކުރިއަށް ދަނިކޮށް، ޕީއެސްސީގެ ވެރިޔަކަށް ހުންނެވި އަހުމަދު މުހައްމަދު މަގާމުން ވަކިކޮށް، އެ މަގާމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ރަޝީދު ވަނީ އައްޔަނުކޮށްފަ އެވެ.
"އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީން އެބަ މަޝްވަރާ ކުރޭ"
ސްވިފްޓުން ބީއެމްއެލް ސަސްޕެންޑެއް ނުކުރޭ: ޝަރީފް
ދޯންޏެއްގެ ބުރަފަތީގައި ޖެހި ޓޫރިސްޓަކު މަރުވެއްޖެ