މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ފަރާތްތައް ވޯޓުލާ މަރުކަޒުތަކަށް އުފުލުމަށް ހިނގާ ޓެކްސީ ހަރަދު އެ ޕާޓީއެއްގެ ބަޖެޓުން ހަމަޖެއްސި ނަމަވެސް، މިފަހަރުގެ އިންތިހާބާ ދިމާކޮށް އެ ހަރަދު ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ރައީސް މުހައްމަދު މުއިއްޒު ރޭ އިފްތިތާހުކޮށްދެއްވި "މާލެ ޓެކްސީ ލައިން" ގެ ހިދުމަތް، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހިލޭ ކޮށްދޭން ނިންމާފައިވާކަން އެމްޓީސީސީން ވަނީ އިއުލާންކޮށްފަ އެވެ. މިއާއެކު، އިންތިހާބުގެ ދުވަސްވަރު ޕާޓީތަކުން ވޯޓުލާ މީހުން އުފުލުމަށް ކުރަންޖެހޭ ބޮޑު ހަރަދުން ސިޔާސީ ޕާޓީތަކަށް، ހާއްސަކޮށް ސަރުކާރު ހިންގާ ޕީއެންސީއަށް ބޮޑު މަންފާއެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި ހަފުތާގެ ދަތުރުތައް ހިލޭކުރުމުގެ މައިގަނޑު އަމާޒަކީ ޚިދުމަތުން އަގު ނަގަން ފެށުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދައި، ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަތުމެވެ. ނަމަވެސް، ތެލުގެ އަގު ބޮޑުވެ، އިގްތިސާދީ ގޮތުން ދަތި ދުވަސްވަރެއްގައި މިފަދަ ގޮތަކަށް ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުކުރުމަކީ ސިޔާސީ ބޭނުމަކަށް ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި، މި ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ އިންތިހާބުގެ ދުވަހަށް ހާއްސަކޮށް ޓެކްސީ ކޯލް ސެންޓަރެއްވެސް ގާއިމުކޮށްފަ އެވެ.
24 ގަޑިއިރު ހިދުމަތް ލިބޭ މާލެ ޓެކްސީ ލައިން ބޭނުންކުރުމަށް ހާއްސަ އެޕްލިކޭޝަނެއްގެ އިތުރުން 1655 ހޮޓްލައިން މެދުވެރިކޮށްވެސް ހިދުމަތް ހޯދޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
ހަނގުރާމައިގެ ބޭނުމަށް އޮސްޓްރިއާގެ ވައިގެ ސަރަހައްދު ނުދިން
އެމެރިކާ ސިފައިންގެ ވެރިޔާ މަގާމުން ވަކިކޮށްފި