އައްޑޫ ސިޓީގެ މޭޔަރު ކަމަށް ދެވަނަ ދައުރަކަށް މިހާރުގެ މޭޔަރު އަލީ ނިޒާރު ބޮޑު ތަފާތަކުން ހޮވިވަޑައިގެންފި އެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އައްޑޫގެ މޭޔަރުކަމުގެ އިންތިހާބުގައި ތަފާތު ބޮޑުކޮށް ކުރީގައި އުޅުއްވަނީ ނިޒާރު އެވެ. ނިޒާރު އާއި މި އިންތިހާބުގައި އެންމެ ގާތުން ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުޝްރިފް އަލީ އެވެ.

އިލެކްޝަން ކޮމިޝަންގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން މިހާތަނަށް ގުނި ފޮށިން ނިޒާރު އަށް 1665 ވޯޓު ލިބިފައިވާއިރު، މުޝްރިފް އަށް ލިބުނީ 764 ވޯޓެވެ. މީގެ އިތުރުންވެސް ގިނަ ފޮށިތަކުން ނިޒާރު އުޅުއްވަނީ ކުރީގައި ކަމަށް އައްޑޫލައިވް އިން ރިޕޯޓުކޮށްފައިވެ އެވެ.

ވެރިކަންކުރާ ޕީއެންސީއިން އައްޑޫ ސިޓީގައި ވަރަށް ފުޅާކޮށް ކެމްޕޭންކޮށްފައިވެ އެވެ.

ނަމަވެސް އަބަދުވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ އައްޑޫ ސިޓީން މިފަހަރުވެސް ޕީއެންސީއަށް ވަނީ ބޮޑުތަކުން ނޫނެކޭ ބުނެފަ އެވެ.

ކައުންސިލް އިންތިހާބުގައި މާލެ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރު އިންތިހާބުގައި މިހާތަނަށް ލިބުނު ނަތީޖާތަކުން ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.