އީރާނުން ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހުގެ ނިޔަލަށް ދެއްވި މުހުލަތު ބަލައި ނުގަނެ، ކަނޑުއޮޅި ނުހުޅުވާނެ ކަމަށް އީރާނުން ބުނެފި އެވެ.
ޓްރަމްޕް ރޭ ދެއްވި އިންޒާރުގައި ވިދާޅުވީ އެ މުހުލަތުގެ ތެރޭގައި އެކަން ނުކޮށްފިނަމަ އީރާނަށް "ނަރަކައިގެ" ބިރުވެރިކަމާ ކުރިމަތިލާންޖެހޭނެ ކަމަށާއި، އެމެރިކާއިން އީރާނުގެ އިންޖީނުގެތަކާއި ފާލަންތަކަށް ހަމަލާދޭނެ ކަމަށެވެ. މުހުލަތު ހަމަވާނީ މިއަދު އެވެ.
އީރާނުން ބުނެފައިވަނީ އެ ގައުމުގެ އުމްރާނީ ވަސީލަތްތަކަށް ދޭ ކޮންމެ ހަމަލާއަކަށް ހަމަ އެފަދަ ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. އަދި އެމެރިކާގެ ރައީސްގެ ވާހަކަތަކަކީ ހަނގުރާމައިގެ ކުށްތަކަށް ހިތްވަރުދޭ ވާހަކަތަކެއްގެ ގޮތުގައި އީރާނުގެ އިސް އޮފިޝަލުން ވަނީ ސިފަކުރައްވައި ކުށްވެރިކުރައްވާފަ އެވެ.
އީރާނުގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ކަނޑައެޅިގެން ދޮގުތަކެއްގެ މައްޗަށް ބިނާކޮށް ހިންގާ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމަށް ބުނާ ވާހަކައާއި، އީރާނުގެ ސަބަބުން އެމެރިކާއަށް ވަގުތުން ނުރައްކަލެއް އޮތް ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި މި ހަނގުރާމައަކީ އަނިޔާވެރި ވެރިކަމަކުން އީރާނުގެ ރައްޔިތުން މިނިވަންކުރުމަށް ކުރާ ހަނގުރާމައެއް ކަމަށް ބުނާ ބުނުމަކީ ވެސް ހަގީގަތާ ހިލާފު ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބަގާއީ އިތުރަށް ވިދާޅުވީ، އެމެރިކާގެ ރައީސް ބިރުދައްކަވައިގެން އީރާނުގެ މުސްތަގުބަލަށާއި އިސްތިގުލާލަށް ގެއްލުންވާ ފަދަ އެއްބަސްވުމަކަށް މަޖުބޫރު ކުރެވިދާނެ ކަމަށް ހީކުރެއްވުމަކީ ކުށްހީއެއް ކަމަށާއި، އީރާނުގެ ރައްޔިތުން ތިބީ އެފަދަ އިންޒާރުތަކަށް ބިރުގަންނަ ގޮތަކަށް ނޫން ކަމަށެވެ. އަދި އަމިއްލަ ނަފްސު ދިފާއުކުރުމުގެ ފުރިހަމަ ގާބިލުކަން އީރާނަށް ލިބިގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަނގުރާމަ ފެށުނީއްސުރެ އީރާނުން ވަނީ އެ ގައުމުން ބުނާ ބަހާ އަމަލާ ދިމާވާނެކަން ސާބިތުކޮށްދީފަ އެވެ. ވަކިން ހާއްސަކޮށް، އާންމު ހިދުމަތްތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތަކާއި އިންޖީނުގެތައް ހަލާކުކޮށްލާނެ ކަމަށް ދޭ އިންޒާރުތަކާ ގުޅިގެން، ރައްދު ހަމަލާ ދިނުމުގެ ގާބިލުކަން އެ ގައުމަށް ލިބިގެންވާކަން ވަނީ ހާމަކޮށްފަ އެވެ.
އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ، އެ ގައުމަށް ހަމަލާއެއް ދީފިނަމަ އެ ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި، ހަނގުރާމައިގެ ހިތްދަތިކަން އީރާނަށް އެކަނި ނޯންނާނެ ކަމަށެވެ.
އީރާނުގައި ގެއްލުނު އެމެރިކާގެ އަސްކަރީ އޮފިސަރު ސަލާމަތް ކޮށްފި
ބްރެޑްއާއި އެންޖެލީނާގެ ދަރިފުޅު ޝިލޮހްގެ މިއުޒިކް ވީޑިއޯއެއް!
އުމުރާއެކު އިންސާނާގެ އަޑަށް ބަދަލު އަންނަނީ ކީއްވެކަން އެނގޭތަ؟