އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި، އެ ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މައުރޫފް މިއަދު މަގާމުން ވަކިކޮށްފި އެވެ.

މައުރޫފް މަގާމުން ވަކިކުރިކަން އަންގާފައިވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ސޮއިކުރައްވައި ފޮނުއްވި ސިޓީއަކުންނެވެ.

މައުރޫފަށް ފޮނުއްވި ސިޓީގައި، މިއަދުން ފެށިގެން އޭނާ މަގާމުން ވަކިކޮށްފައިވާކަން ހާމަކުރައްވާފައިވީ ނަމަވެސް، އެ ނިންމުން ނިންމެވި ސީދާ ސަބަބެއް ޣަފޫރު ވިދާޅެއް ނުވެ އެވެ. ނަމަވެސް، މަގާމުގައި ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވި މަސައްކަތްތަކަށް އެ ސިޓީގައި ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މައުރޫފް މަގާމުން ވަކިކުރައްވާފައި މިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ނުދިން މައްސަލައިގައި ޕާޓީގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ވަގުތެއްގަ އެވެ. އެ ޖަލްސާގެ އެޖެންޑާ އިން ނަޝީދުގެ ނަން އުނިކުރުމާ ގުޅިގެން ޕާޓީގެ ގިނަ އެކްޓިވިސްޓުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން މައުރޫފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ބޮޑާކަމަކީ ނާކާމިޔާބީއަށް މަގުފަހިވާ ކަމެއް" ކަމަށާއި، މަޑުމައިތިރިކަން އިސްކޮށް މީހުންނަށް އުއްމީދު ދޭންޖެހޭ ކަމަށެވެ. އޭނާ މަގާމުން ވަކިކުރީ ސީދާ މި ޕޯސްޓާ ގުޅިގެން ކަމެއް ރަސްމީކޮށް ސާފެއް ނުވެ އެވެ.

ރޭގެ ޖަލްސާގައި ނަޝީދަށް ފުރުސަތު ނުދިން މައްސަލައިގައި އެމަނިކުފާނު ވިދާޅުވީ "މި އުފާވެރި ރޭ ވަރަށް ހިތްދަތިވެއްޖެ" ކަމަށެވެ. ނަމަވެސް ޗެއާޕާސަން ޣަފޫރު ވިދާޅުވީ ނަޝީދަށް ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުންދަނިކޮށް، ބަޔަކު މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ފެތުރީ ކަމަށެވެ.

މައުރޫފަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓުގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި މީގެ އިތުރުން އެމްޑީން ކުރިޔަށް ގެންދިޔަ މުޒާހަރާތަކުން ކުށްވެރިވެގެން ފުލުހަށް ހާޒިރު ކުރި އެމްޑީޕީގެ އެކްޓިވިސްޓުންތަކުގެ ދިފާއުގައި ވެސް ބުރަ ބޮޑު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.