އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވި ސުންގަޑި ހަމަވާން ކައިރިވެފައި ވަނިކޮށް، އީރާނުގެ އާންމު ރައްޔިތުން އެ ގައުމުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ފާލަންތައް ކައިރިއަށް އެއްވެ، އެ ތަންތަން ހިމާޔަތްކުރުމަށްޓަކައި "އިންސާނީ ފާރު" ހަދާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
މި ހަރަކާތަކީ، އީރާނާއެކު ކުރެވޭ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ އެ ގައުމުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ފާލަންތައް މުޅިން ސުންނާފަތި ކޮށްލާނެ ކަމަށް ރައީސް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، އެފަދަ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި ރައްޔިތުން އެ ތަންތަނުގެ ވަށައިގެން ސަފުތައް ހެދުމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ގޮވާލި ގޮވާލުމަށް އިޖާބަދިނުމުގެ ގޮތުން ހިންގި ހަރަކާތެކެވެ.
މިއަދު އީރާނުގެ ފާރްސް ނިއުސް އެޖެންސީ އާއި ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުޅަނގު އުތުރުގެ ތަބްރީޒާއި، ހުޅަނގުގެ ކަރްމާންޝާހް ޕްރޮވިންސްގެ ބިސޮތޫން އާއި، އުތުރުގެ މާޒަންދަރާން ކަރަންޓު މަރުކަޒުގެ އިތުރުން، ގަޒްވިން ޕްރޮވިންސްގައި ހުންނަ އީރާނުގެ އެންމެ ބޮޑު ތާމަލް ޕަވަރ ޕްލާންޓް ކަމަށްވާ "ޝަހީދު ރަޖާއީ" މަރުކަޒު ކައިރިއަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއްވެފަ އެވެ.
އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، އީރާނުގެ ގައުމީ ދިދަ އާއި އާންމު ބިނާތަކަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ކުށެއް ކަމަށް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބި ރައްޔިތުން ވަނީ އެ ތަންތަނުގެ ވަށައިގެން އަތާއި އަތް ގުޅުވައިގެން ސަފުތައް ހަދާފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން، އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ކަޒެރޫންގެ ކަރަންޓު މަރުކަޒެއްގެ ކުރިމައްޗަށް ވެސް ރައްޔިތުން އެއްވެ، އާންމު ހިދުމަތްތައް ދޭ ތަންތަނަށް ހަމަލާދިނުން ކުށްވެރިކޮށް އަޑުއުފުލާފައިވެ އެވެ. އަދި ހުޅަނގު ދެކުނުގެ ހޫޒިސްތާން ޕްރޮވިންސްގެ ދެހްލޮރާން އާއި އަހްވާޒްގައި ހުރި ފާލަންތަކުގައި ވެސް އެތައް ސަތޭކަ ބަޔަކު ވަނީ އިންސާނީ ފާރުތައް ހަދާފަ އެވެ.
ރައީސް ޓްރަމްޕް ކުރިން އިއުލާނު ކުރައްވާފައިވާ ގޮތުގައި، އެމެރިކާގެ އިރުމަތީ ގަޑިން 7 ވަނަ ދުވަހުގެ ރޭގަނޑު 8 ޖެހުމުގެ ކުރިން ހޮރްމޫޒް ކަނޑުއޮޅި ހުޅުވައި ނުދީފި ނަމަ، އީރާނުގެ ހުރިހާ ކަރަންޓު މަރުކަޒުތަކަކަށާއި ފާލަންތަކަށް ބޮން އަޅާނެ އެވެ.
މިކަމާ ގުޅިގެން އީރާނުގެ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އަލީ ރޭޒާ ރަހީމީ ވިދާޅުވީ، މިއީ ގައުމުގެ މުސްތަގުބަލާއި ޒުވާނުންގެ ހައްގުގައި ކުރެވޭ މަސައްކަތެއް ކަމަށާއި، ފިކުރީ ތަފާތުކުރުމެއް ނެތި ހުރިހާ ޒުވާނުންނާއި، ފަންނާނުންނާއި، ކިޔަވާކުދިން އަދި ޕްރޮފެސަރުން މި ހަރަކާތުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މަޝްވަރާގެ ސުންގަޑި ހަމަވާން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް، އީރާނުގެ ބައެއް ފާލަންތަކަށާއި ރޭލު ދަތުރުކުރާ މަގުތަކަށް ވައިގެ މަގުން ހަމަލާދެމުންދާ ކަމުގެ ރިޕޯޓްތައް ވަނީ ލިބެން ފަށާފަ އެވެ. އީރާނުގެ މެހްރު ނިއުސް އެޖެންސީން ބުނި ގޮތުގައި، އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ހޮއްރަމްއާބާދު ސަރަހައްދުގެ ޔަހްޔާ އާބާދު ރޭލު ފާލަމަށް ދިން ހަމަލާއެއްގައި ދެ މީހަކު މަރުވެ ތިން މީހަކު ވަނީ ޒަހަމްވެފަ އެވެ.
މީގެ އިތުރުން ތަބްރީޒާއި ތެހްރާން ގުޅުވައިދޭ ހައިވޭއަށާއި، ގުމް ސިޓީގެ ރަށްބޭރުގައިވާ ފާލަންތަކަށާއި، ގަޒްވިން އަދި ކަރަޖްގެ ރޭލު ދަތުރުކުރާ މަގުތަކަށް ވެސް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ހަމަލާތަކުގެ ސަބަބުން ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑި، ރޭލު ދަތުރުތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
މާލޭ ޓެކްސީ އެޕްގެ ކޮރަޕްޝަން މައްސަލަ މަޖިލީހަށް
ފެނަކައިގެ ޑީއެމްޑީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި
އެމްޑީޕީ މޭޔަރުން: މި އަންނަނީ 2028 ވެސް ކާމިޔާބު ކުރަން!