ބީއެމްއެލް އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، ތިން މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫއުތަކަށް ބޭނުންވާ އިކުއިޓީ ނުވަތަ އަމިއްލަ އަށް ކުރަންޖެހޭ ހަރަދުގެ ނިސްބަތް ފަސް އިންސައްތައަށް ކުޑަކޮށްފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ހިދުމަތް ދޭ ބީއެމްއެލް އިން ބުނީ މިއީ ކުރިން އަމިއްލަ އަށް ހަރަދު ކުރަންޖެހޭ ގޮތަށް އޮތް 20 އިންސައްތައާ އަޅާބަލާއިރު ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. އަދި މި ބަދަލުގެ ގެނައުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިނޭންސިން ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އިކުއިޓީ ފަސް އިންސައްތައަށް ކުޑަކުރުމާއެކު، ގެދޮރު އިމާރާތްކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސްނައްތާލެވި، ގިނަ ދިވެހިންނަށް އަމިއްލަ ގެދޮރު އިމާރަތްކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
"ގައުމީ ބޭންކުގެ ހައިސިއްޔަތުން، ދިވެހި އާއިލާތަކަށްކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގައި އިސްދައުރެއްއަދާކުރުމަކީ ބީއެމްއެލްއިން ނުހަނު އިސްކަންދޭ ކަމެއް. އިކުއިޓީ 5 އިންސައްތައަށް ކުޑަކުރުމާއެކު، ގެދޮރު އިމާރާތްކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސްނައްތާލެވި، ގިނަ ދިވެހިންނަށް އަމިއްލަ ގެދޮރު އިމާރަތްކުރުމަށް ފުރުސަތުފަހިވެގެންދާނެ. މިސާލަކަށް ދެ މިލިއަން ރުފިޔާގެ މަޝްރޫއަކަށް ކުރިން އިކުއިޓީގެގޮތުގައި 400,000 ރުފިޔާ ބޭނުންވީ ނަމަވެސް، މިހާރު އެންމެ 100,000 ރުފިޔާއާއެކު ފައިނޭންސް ލިބޭނެ. މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑުލުޔެއް،" ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި ތިން މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހައުސިން މަޝްރޫއުތަކަށް ލޯނު ނުވަތަ ފައިނޭންސިން ދޫކުރާނީ ކުރިއެކޭ އެއްގޮތަށް މަދުވެގެން 20 އިންސައްތަ ކުއިޓީ އާއެކު އެވެ. އަދި ނުވަ އިންސައްތަގެ ރޭޓާއެކު ބީއެމްއެލްއަކީ މިހާރު ވެސް ގެދޮރުު ގަތުމަށް ރާއްޖޭގައި އެންމެ ކުޑަ ރޭޓެއްގައި ފައިނޭންސިން ފޯރުކޮށް ދެނީ ބީއެމްއެލް އިން އެ ބޭންކުން ބުނެ އެވެ.
މީގެ އިތުރުން 2025 ވަނަ އަހަރުގެ ތެރޭގައި ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ އިކުއިޓީ ވެސް ބޭންކުން ވަނީ 5 އިންސައްތައަށް ކުޑަކޮށްފަ އެވެ.
ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުތައް ވީހާ ވެސް ގިނަ ކަސްޓަމަރުންނަށް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ސޮއި ހަމަކުރަނީ
މުއިއްޒު އުނބަށް ޖަހައިފި: ސަލްމާގެ މަގާމު އަލުން އިޔާދަކޮށްފި
އިންތިހާބަށްފަހު ފުވައްމުލަކުން ކަރަންޓު ކަނޑަން ފަށައިފި
