ރަސްމީ ދަތުރުފުޅެއްގައި އަންނަ މެއި މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސްރީލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

ލަންކާގެ ނޫސްތަކުން ބުނީ ރައީސް މުއިއްޒުގެ ދަތުރާ ގުޅޭގޮތުން ލަންކާގެ ފިޝަރީޒް މިނިސްޓަރު ރަމަލިންގަމް ޗަންޑްރެސޭކަރު އާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ސްރީ ލަންކާއަށް މުއިއްޒު ކުރައްވަން ހަމަޖެހިފައިވާ ދަތުރާ ގުޅޭ ގޮތުން ރައީސް އޮފީހުން އެއްވެސް މައުލޫމާތެއް އަދި ނުދެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައި ވެސް މުއިއްޒު ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހުނެވެ. ނަމަވެސް އެ ދަތުރު ފަސްކުރީ އެވެ.

ރައީސް މުއިއްޒުގެ ދަތުރުގައި، ވިޔަފާރި އާއި އިގްތިސާދާއި ފަތުރުވެރިކަމާއި މައުލޫމާތު ބަދަލު ކުރުމާ ގުޅޭ ހަ އެއްބަސްވުމެއްގައި ސޮއި ކުރައްވާނެ ކަމަށް ވެސް އޭރު ލަންކާގެ ނޫސްތަކުން ބުންޏެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ހަފުލާއަށް މިދިޔަ ޖުލައި މަހު ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ވެސް ރާއްޖެ ވަޑައިގެންނެވި އެވެ.