އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ރޭވުމުގައި ބައިވެރިނުވާނެ ކަމަށް ނޭޓޯގެ އިއްތިހާދުން ހޯމަ ދުވަހު ބުނެފި އެވެ. އެ ގައުމުތަކުން ހުށަހަޅާފައިވަނީ ހަމައެކަނި ހަނގުރާމަ ހުއްޓުމަކަށް އައުމުން އެ ކަމުގެ ތެރެއަށް ވަނުމަށެވެ.
މިއީ ރައީސް ޓްރަމްޕް ކޯފާވެ، ނޭޓޯގެ ގުޅުމަށް އިތުރު ނުތަނަވަސްކަމެއް ކުރިމަތިވާނެ ކަމެއް ކަމަށް ބެލެވެއެވެ.
އީރާނާއެކު ހަ ހަފުތާ ވަންދެން ކުރިއަށްދިޔަ ކުރިމަތިލުންތައް ހުއްޓާލުމަށް ބޭއްވި މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، ހޯމަ ދުވަހު ފެށި މި ބްލޮކޭޑް ނުވަތަ ބަނދަރުތައް ބަންދުކުރުމުގެ މަސައްކަތުގެ ތެރެއަށް ވަންނަ އީރާނުގެ ކޮންމެ އުޅަނދެއް އެމެރިކާ ސިފައިން ނައްތާލާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް ހުއްޓުވުމަށް އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ޓްރަމްޕް ފުރަތަމަ ވިދާޅުވި ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ފަހުން ތަފްސީލުކޮށްދިން ގޮތުގައި މި ފިޔަވަޅުތައް އަމާޒުކުރެވޭނީ ހަމައެކަނި އީރާނުގެ ބަނދަރުތަކަށް ވަންނަ ނުވަތަ އެ ބަނދަރުތަކުން ނުކުންނަ އުޅަނދުތަކަށެވެ.
ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނީއްސުރެ، އީރާނުން ވަނީ އެ ގައުމުގެ އަމިއްލަ އުޅަނދުތައް ފިޔަވައި އެހެން ހުރިހާ އުޅަނދުތަކަކަށް އެ ސަރަހައްދު ބަންދުކޮށްފަ އެވެ.
އާދީއްތަ ދުވަހު "ޓްރުތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ވަރަށް އަވަހަށް ބަނދަރުތައް ބަންދުކުރަން ފަށާނެ ކަމަށާއި، މި ކަމުގައި އެހެން ގައުމުތައް ވެސް ބައިވެރިވާނެ ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތާއި ފްރާންސް ހިމެނޭހެން ނޭޓޯގެ ބައިވެރިން ވަނީ މި ކުރިމަތިލުމުގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. އޭގެ ބަދަލުގައި އެ ގައުމުތަކުން މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ އެ ކަނޑުއޮޅި ހުޅުވާލުމުގެ އިސްނެގުމެއްގެ މައްޗަށެވެ.
އެމެރިކާއަށް އެއްބާރުލުން ނުދިނުމަށް އެ ގައުމުތަކުން ނިންމި ނިންމުމަކީ ޓްރަމްޕާއެކު އޮތް ގުޅުމަށް އިތުރުވި ބޮޅެކެވެ. ޓްރަމްޕް ވަނީ ނޭޓޯގެ އަސްކަރީ އިއްތިހާދުން ވަކިވާނެ ކަމުގެ އިންޒާރު ދެއްވައި، އީރާނަށް ހަމަލާދިނުމަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދިން ޔޫރަޕްގެ ގައުމުތަކުން އެމެރިކާ ސިފައިން ބޭލުމަށް ވިސްނަވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވީ، ބަނދަރުތައް ބަންދުކުރުމުގެ މަސައްކަތަށް އެ ގައުމުން ތާއީދު ނުކުރާ ކަމަށެވެ. އަދި ކިތަންމެ ބޮޑު ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް، މި ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް ވަރަށް ސާފު ނިންމުމެއް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ ޔޫރަޕްގެ ސަރުކާރުތަކަށް އަންގަވާފައިވާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެހީތެރިވުމަށް ޓްރަމްޕް ބޭނުންފުޅުވެއެވެ. ނޭޓޯގެ 32 މެންބަރު ގައުމަށް އެއްބަސްވެވޭ ނަމަ، އެ ކަނޑުއޮޅީގައި ނޭޓޯއަށް ދައުރެއް އަދާކުރެވިދާނެ ކަމަށް ރޫޓާ ވިދާޅުވި އެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުން ބުނެފައިވަނީ އެހީތެރިވާން ތައްޔާރަށް ތިބި ނަމަވެސް، އެއީ ހަމަލާބަދަލުކުރުންތައް ދާއިމީކޮށް ހުއްޓާލައި، އެ ގައުމުތަކުގެ އުޅަނދުތަކަށް ހަމަލާނުދޭނެ ކަމުގެ އެއްބަސްވުމެއް އީރާނާއެކު ގާއިމުކުރުމުން ކަމަށެވެ.
ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯން ވިދާޅުވީ، ކަނޑުއޮޅީގައި ދަތުރުފަތުރުގެ މިނިވަންކަން އަލުން ގާއިމުކުރުމަށްޓަކައި އިނގިރޭސިވިލާތާއި އެހެނިހެން ގައުމުތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. މިއީ ހަމައެކަނި ދިފާއީ މަސައްކަތެއް ކަމަށާއި، މަސްލަހަތު ތަންދިން އެންމެ އަވަހަކަށް މި މަސައްކަތް ފަށާނެ ކަމަށް މެކްރޯން ވިދާޅުވި އެވެ.
ބޮޑުވަޒީރު ސްޓާމާ ޕާލަމެންޓުގައި ވިދާޅުވި ގޮތުގައި، މި އިސްނެގުމުގެ މަގުސަދަކީ ހަނގުރާމަ ނިމުމުން އުޅަނދުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކޮށް، ދަތުރުފަތުރުގެ މިނިވަންކަމަށް މަގުފަހިކުރުމެވެ.
މި މަސައްކަތުގައި ގާތްގަނޑަކަށް 30 ގައުމެއް ބައިވެރިވާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ގަލްފުގެ ގައުމުތަކާއި، އިންޑިއާ، ގްރީސް، ސްޕެއިން، އިޓަލީ، ނެދަލޭންޑްސް އަދި ސްވިޑަން ހިމެނެ އެވެ. މި ގައުމުތަކުގެ ބައްދަލުވުން ބުރާސްފަތި ދުވަހު ޕެރިސް ނުވަތަ ލަންޑަނުގައި ބޭއްވުމަށް ވަނީ ރޭވިފަ އެވެ. މި މަސައްކަތުގެ މައުލޫމާތު އީރާނާއި އެމެރިކާއަށް ދެވޭނެ ނަމަވެސް، އެ ދެ ގައުމުން މި ކަމުގައި ސީދާ ބައިވެރިނުވާނެ ކަމަށް ޚަބަރު ލިބެ އެވެ.
ޔޫރަޕްގެ ބައެއް ޑިޕްލޮމޭޓުން ސުވާލު އުފައްދާ ގޮތުގައި، ޓްރަމްޕް މިހާރު ކަނޑުއޮޅި ބަންދުކުރުމަށް އަމުރުކުރައްވާފައިވާތީ، މިފަދަ އެހެން މަސައްކަތަކަށް އޭނާ މަރުހަބާ ވިދާޅުވާނެތޯ އެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަ ހައްލުކުރަންވާނީ ހިކުމަތްތެރިކަމާއެކު ޑިޕްލޮމެޓިކް އުސޫލުން ކަމަށެވެ. އަދި ޖުލައި މަހު އަންކާރާގައި ބާއްވާ ސަމިޓުގައި ޓްރަމްޕާއެކު އޮތް ގުޅުން އާކުރުމަށް ނޭޓޯގެ ގައުމުތަކަށް އޭނާ ގޮވާލެއްވި އެވެ.
އެމްޑީޕީގެ ރައްދު ބަޔާނަށް ހުރައަޅަން ޕީއެންސީ މެންބަރުން އުޅެފި
އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކުރަން ފަށައިފި
ސޮނޭވާ ޖާނީ ރިސޯޓުގައި ބޮޑު އަލިފާނުގެ ހާދިސާއެއް