ސްރީލަންކާގެ ބަނދަރުތަކުގައި ރާއްޖެއަށް ނުގެނެވި ތާށިވެފައި ހުރި މުދާ ކޮންޓެއިނަރުތަކުގެ ތެރެއިން 2،500 ކޮންޓެއިނަރު މި ހަފްތާގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ލަންކާގައި ހުރި ޝިޕްމަންޓްތަކުގެ ބޮޑު ބައެއް މި ހަފްތާގެ ތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ ސަބަބުން މުދާ ލިބުން ލަސްވުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.
މިނިސްޓަރު ދެއްވި ތަފްސީލުތަކަށް ބަލާއިރު، މިދިޔަ ހަފްތާގެ ނިޔަލަށް ލަންކާގައި 4،241 ކޮންޓެއިނަރު ތާށިވެފައި ހުއްޓެވެ. ނަމަވެސް، މިހާރު ބަނދަރުގައި އޮތް ބޯޓުތަކާއި މި ހަފްތާގައި އައުމަށް ހަމަޖެހިފައިވާ އުޅަނދުތަކާއެކު ޖުމްލަ 2،500 ޓީއީޔޫގެ މުދާ ރާއްޖެއަށް ބޭލޭނެ އެވެ. އެގޮތުން މިއަދު އެކަނިވެސް 1،500 ކޮންޓެއިނަރު އަންނާނެ ކަމަށާއި، މި މަހުގެ 12 އަދި 13 ވަނަ ދުވަހު ކޮންމެ ދުވަހަކު 500 ކޮންޓެއިނަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ޝިޕްމަންޓްތަކަށްފަހު ލަންކާގައި ބާކީ ހުންނާނީ 1،741 ކޮންޓެއިނަރު ކަމަށް ލަފާކުރެވެއެވެ.
ރާއްޖެއަށް މުދާ އެތެރެކުރުން ލަސްވެ، މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއާ ނުކުރެވޭ މައްސަލަ ދިމާވެފައިވަނީ ބައިނަލްއަގުވާމީ އަދި އެތެރޭގެ ބައެއް ސަބަބުތަކާ ހުރެ އެވެ. އޭގެ ތެރޭގައި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ޝިޕިން ދަތުރުތަކަށް އައި ބަދަލުތަކާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޮޕަރޭޝަނަލް ބައެއް ދަތިތައް ހިމެނެ އެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިވަގުތުވެސް މާލޭ ބަނދަރުގައި އޮތް ބޯޓެއްގައި 1،200 ޓީއީޔޫގެ މުދާ އެބަހުއްޓެވެ. ސަރުކާރުގެ އަމާޒަކީ މި މުދާތައް އަވަހަށް ކްލިއާކޮށް، ބަނދަރުގެ ތޮއްޖެހުން ކުޑަކޮށް، ބާޒާރަށް މުދާ ލިބުމުގައި ހުރި ހުރަސްތައް ނައްތާލުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ޣައްސާން ޑިފެންސް މިނިސްޓަރު ކަމުން އިސްތިއުފާދެއްވައިފި
ދެ ދައުވާއެއް ސާބިތުވެ، ސާހިލް 3 އަހަރަށް ޖަލަށް
އެމްޑީޕީގެ ރައްދު ބަޔާނަށް ހުރައަޅަން ޕީއެންސީ މެންބަރުން އުޅެފި