މާލެއަކީ ކުޑަ ރަށަކަށް ވެފައި، އާބާދީ ބޮޑުވުމުގެ ސަބަބުން އާންމު ދުވަސްތަކުގައިވެސް މާލޭގެ މަގުތަކުގެ ކާރޫބާރޫ ބޮޑެވެ. ނަމަވެސް، އުޑުމަތި ބަދަލުވެ، ވާރޭ ތިއްކެއް ޖަހާލުމާއެކު މާލޭގެ މަގުތަކުގެ މަންޒަރު މުޅިން ބަދަލުވެގެންދެ އެވެ. ވިއްސާރަ ދުވަސްވަރަކީ މާލޭގައި ދިރިއުޅޭ ކޮންމެ މީހަކަށްވެސް ތަފާތު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ދުވަސްވަރެކެވެ.
އޭގެ ތެރެއިން ވެސް ހައްލުނުވި މާލޭގެ މަގުތަކުގެ ހާލަތަކީ މާލޭގައި ދިރިއުޅޭ ހަމަ ކޮންމެ ފަރުދެއްގެ ވެސް ވަރަށް ބޮޑު ޝަކުވާ އެކެވެ. އެއީ ކޮންމެ ވިއްސާރަ މޫސުމަކާ ދިމާކޮށް އެކަމެއްގެ އަޑު ގަދަވާ ކަމެއް ވެސްމެ އެވެ.
މަގުތަކުގައި ފެންބޮޑުވުން: "ކުދި ކޯރުތަކެއް"!
މާލޭގެ ގިނަ މަގުތަކަކީ ކުޑަ ވާރޭކޮޅަކުންވެސް ފެންބޮޑުވާ މަގުތަކެކެވެ. ހާއްސަކޮށް އަމީނީ މަގާއި، މަޖީދީ މަގުގެ ބައެއް ސަރަހައްދުތަކުގައި ބޮޑުވާ ފެންގަނޑުތަކުން ކުދި ކޯރުތަކެއް ސިފަ ކުރެވެ އެވެ.
ވިއްސާރަ ދުވަސްވަރު އޮފީހަށް ނުވަތަ ސްކޫލަށްދާއިރު ބޫޓު ތެމި ހަޑިވުމަކީ އެންމެންގެވެސް އޮންނަ ޝަކުވާ އެކެވެ. ބޫޓެއް ގަނެގެން ދެ މަސް ނުވަނީސް އެ ހަލާކުވެގެން އުޅެންޖެހޭ ފަހަރު މަދެއް ނޫނެވެ.
އެއާއެކު ވާރޭ ވެހޭއިރު މަގުމަތީގައި ހުންނަ ފެންގަނޑުތަކުގެ ސަބަބުން ސައިކަލުގެ އިންޖީނަށް ފެންވަދެ، މަގުމަތީގައި ސައިކަލު ހުއްޓޭ މަންޒަރަކީ ވަރަށް ގިނައިން ފެންނަ އާންމު މަންޒަރެކެވެ.
ޓްރެފިކް ތޮއްޖެހުން: ކެތްތެރިކަމުގެ އިމްތިހާނެއް
ވާރޭ ވެހެން ފެށުމާއެކު، އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް މަގުމައްޗަށް ނުކުމެ އެވެ. ސްކޫލު ކުދިން ބަލާ ދާ މީހުންނާއި، މަސައްކަތް ނިންމާފައި ގެޔަށްދާ މީހުންނެވެ.
ނަތީޖާއަކަށް ވަނީ ވިއްސާރަ ވެއްޖެނަމަ މާލޭގައި ޓެކްސީއެއް ހޯދުމަކީ "ލޮޓަރީއެއް" ދިމާވުން ފަދަ ކަމެކެވެ. އެޕްލިކޭޝަންތަކުން ޓެކްސީއެއް ނުލިބި، ގިނަ އިރުތަކެއް މަގުމަތީގައި ހޭދަކުރަން ޖެހެ އެވެ. ގިނަ ފަހަރަށް ޓެކްސީއެއް ލިބެނޭ ދާން ބޭނުންވާ ތަނަކަށް ދާން އޮތް ގަޑި ވެސް ޖެހޭ ފަހުންނެވެ.
މީގެ އިތުރުން ވެސް ވާރޭ ކޯޓު ލައިގެން ސައިކަލު ދުއްވާ މީހުންނާއި، ފެންބޮޑުވުމުގެ ސަބަބުން މަޑުމަޑުން ދުއްވާ ކާރުތަކުގެ ސަބަބުން މުޅި މާލޭގެ ޓްރެފިކް ހުއްޓުމަކަށް އާދެ އެވެ.
ހިނގާބިނގާވެ މީހުންގެ ހާލަތު
ޓެކްސީއެއް ނުލިބި ގިނައިރު ވުމުން ވެހޭ ބޯ ވާރޭގައި ހިނގާފައި ދިއުން ނޫން ގޮތެއް ނޯވެ އެވެ. އެހެން ނަމަވެސް މާލޭގެ ދަތި މަގުތަކުގައި ކުޑައެއް ހިފައިގެން ހިނގުމަކީ ވެސް ވަކި ފަސޭހަ ކަމެއް ނޫނެވެ.
ހަނި ދުވާރުތަކުގައި އިދިކޮޅަށް އަންނަ މީހުންގެ ކުޑަތަކުގައި ނުޖެހި ހިނގަން ކުރަން ޖެހޭ ކުޑައިގެ "ހަނގުރާމަ"އަކީ ބޮޑު މަސައްކަތެކެވެ.
އެއާއެކު ބާރު ސްޕީޑުގައި ދުއްވާފައިދާ އުޅަނދުތަކުން މަގުމަތީގައި ހުންނަ ފެންގަނޑުތަކުގެ ފެން ބުރައިގެން ގޮސް، ހިނގާފައިދާ މީހުންގެ ހެދުން ހަޑިވުމަކީ ވަރަށް ދެރަވާ ކަމެކެވެ.
ހައްލަކީ ކޮބާ؟
މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަމީނީ މަގު ހެދުމާއި، ފެން ހިންދާ ނިޒާމުތައް ވަރުގަދަ ކުރުމަކީ އުންމީދީ ފެށުމެކެވެ. ނަމަވެސް، ފަރުދީ ގޮތުންވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ
- ކެތްތެރިވުން: ޓްރެފިކްގައި ޖެހުމުން ކެތްތެރިކަން އިސްކުރުން.
- މަޑުން ދުއްވުން: ފެންގަނޑުތަކުގެ ތެރެއިން ދުއްވާއިރު، މީހުންގެ ގަޔަށް ފެން ނުބުރާނެހެން މަޑުމަޑުން ދުއްވުން.
- ރޭވުންތެރިކަން: ވިއްސާރަ ނަމަ ކުރިއަށްވުރެ އަވަހަށް މަންޒިލަށް ދިއުމަށް ނުކުތުން.
މާލޭގެ މަގުތަކަކީ ކިތަންމެ އުނދަގޫ ތަނަކަށް ވިޔަސް، މިއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެކެވެ. އެކަކު އަނެކަކަށް އިހުތިރާމްކޮށް، އެހީތެރިވެގެން ވިއްސާރަ ދުވަސްތަކުގެ އުނދަގޫތައް ކުޑަކުރެވިދާނެ އެވެ.
ހީވަނީ އައްޑޫ ސިޓީ ކައުންސިލް އޮތީ ފެއިލްވެފައިހެން: މުއްތަލިބު
ޔޫއޭއީ ސަފީރުކަމުން ވަކިކުރި މުންދުއަށް ސަރުކާރުގެ ތަރުޖަމާނުކަން
"ދުރަންދަރް 2"،"ޕުޝްޕާ"އާއި "ބަހޫބާލީ" ވެސް ފަހަތަށް ޖައްސާލައިފި