މީގެ 12 ވަރަކަށް އަހަރު ކުރިން، ފުލުހުންގެ ވަޒީފާއިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާދޭން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މެއި 2014 ގައި ޝިޔާމް ފުލުހުންގެ ވަޒީފާއިން ވަކިކުރިއިރު ޝިޔާމް ހުންނެވީ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށެވެ. އޭނާ ވަކިކުރީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމަލުތަކެއް ހިންގިކަމުގެ ތުހުމަތުގަ އެވެ.
ވަޒީފާއިން ވަކުކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ޝިޔާމަށް ކާމިޔާބެއް ނުވި އެވެ. އެހެންވެ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ.
ހައިކޯޓަށް މައްސަލަ ހުށަހެޅިތާ ހަ އަހަރު ފަހުން މިއަދު ކުރި ހުކުމްގައި ވަނީ ޝިޔާމް ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމުމުގައި ރިއާޔަތްކުރި ހެއްކަކީ ކޮބައިކަން އެނގޭނެ ހެއްކެއް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ ބޯޑުން އެކަށީގެންވާ މިންވަރުގެ ތަހުގީގެއް ކޮށްފައިވާކަން ދައުލަތަށް ބުނެދެވިފައިނުވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.
އެހެންވެ، ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދޭން ހައިކޯޓުގެ ހުކުމްގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވަނީ އަންގާފަ އެވެ.
ހައިކޯޓުގައި ހަ އަހަރުވީ މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ.
ހައްލުނުވި މާލޭގެ މަގުތަކުގެ ހާލަތު: ވިއްސާރައާއެކު ގޯހުން ގޯހަށް
ހޮރްމޫޒް ކަނޑުއޮޅީގެ އޮމާން ފަޅިން ދަތުރު ކުރެވޭނެ ހުށަހެޅުމެއް
މާލޭގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި
