ކްލައިމެޓް ޗޭންޖް، އެންވަޔަރަންނަމެންޓް އެންޑް އެނާޖީގެ މިނިސްޓަރުގެ މަގާމަށް މިދިޔަ އަންގާރަ ދުވަހު އައްޔަން ކުރެއްވި އަލީ ޝަރީފު، ސޯޝަލް މީޑިއާގައި މީގެ ކުރިން ކުރައްވާފައިވާ ހުތުރު ޕޯސްޓުތަކެއް އާންމުވެ، އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އަލީ ޝަރީފު ކުރައްވާފައިވާ މި ޕޯސްޓުތަކަކީ އޭނާގެ އަމިއްލަ އެކައުންޓުން ކުރައްވާފައިވާ ޕޯސްޓުތަކެއްކަން ވަނީ އެނގިފައި އެވެ. މި ޕޯސްޓުތަކުގެ ތެރޭގައި މުޖުތަމައުގެ އަދަބު އަޚުލާގާ ނުގުޅޭ އަދި އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދަ ބަސްމަގު ބޭނުންކޮށްފައިވާ ކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
އާންމުވެފައިވާ ޕޯސްޓުތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) އަށް ނިސްބަތްކޮށް، އޭނާގެ ހަށިގަނޑުގެ ނުކުޅެދުންތެރި ކަމަށް ހަޖޫޖަހާފައިވާ ޕޯސްޓެއް ހިމެނެ އެވެ. އަދި ވަރަށް ބޮޑަށް ސިޔާސީ ބޭފުޅުންނަށާއި ޕާޓީތަކަށް ފާޑުކިޔާފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ކާފަރެއް ކަމަށް ވެސް ބުނެފައިވާ ޕޯސްޓެއް އަންނަނީ ދައުރުވަމުންނެވެ.
އަލީ ޝަރީފުގެ ހޫނު ބަސްމަގު ވަނީ އަވަށްޓެރި އިންޑިއާއަށް ވެސް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ ޓެރަރިސްޓެއް ކަމަށް ބުނުމާއި، ޑިމޮކްރަސީގެ ނިޒާމު ގަބޫލު ނުކުރައްވާ ކަމަށް ބުނެފައިވާ ޕޯސްޓުތަކެއް ވެސް ހިމެނެ އެވެ.
މިހާރުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަށް ވެސް އަލީ ޝަރީފުގެ ބަހުގެ ހަމަލާތައް އަމާޒުކޮށްފައިވެ އެވެ.
މި ޕޯސްޓުތަކާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ސަރުކާރަށާއި ރައީސް މުހައްމަދު މުއިއްޒަށް ފާޑުކިޔަމުންނެވެ.
ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރަށް ބަދަލު ގެންނަވަނީ ކަމަށް ވިދާޅުވެ ރައީސް ވަނީ އަންގާރަ ދުވަހު 10 މިނިސްޓަރަކު އިސްތިއުފާ ދެއްވުމަށް އަންގަވާފަ އެވެ. އެއާއެކު އެ މިނިސްޓަރުން އިސްތިއުފާ ދެއްވުމުން އަލުން ވަޒީރުންގެ މަޖިލިސް އެކުލަވާލެއްވި އިރު އަލީ ޝަރީފު އާއި ހީނާ ވަލީދު ވެސް ހިމެނެ އެވެ. މި ބަދަލުތަކުގެ ފަހުން ސަރުކާރަށް ފާޑުކިޔުން އިތުރުވިކަން ފާހަގަކުރެވުނެވެ.
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި
އަބްދޯ ފޫހިކަމެއް ނެތި ކުރެހުމުގައި!
ހޮރްމޫޒް ކަނޑުއޮޅި އުޅަނދުފަހަރަށް ހުޅުވާލަން އީރާނުން ނިންމައިފި