މާލޭގައި ކޮވިޑް-19ގެ ކޭސްތައް ގިނަވަމުން ދާތީ މާދަމާ އިން ފެށިގެން ސަރުކާރު އޮފީސްތައް ބަންދު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
ސަރުކާރު އޮފީސްތަށް ބަންދުކުރަން ނިންމީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި ސަރުކާރު ހުރިހާ އޮފީހެއް ބަންދުކުރަން ޖެހޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އެ މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހިދުމަތެއް އޮންލައިންކަށް ދިނުމަށް ވެސް ވަނީ އަންގައިފަ އެވެ.
އޮފީސްތަށް ބަންދުކުރަން ނިންމިޔަސް ސަރުކާރުގެ އިދާރާތަކުން ދެމުންދާ އަސާސީ ހިދުމަތްތައް ލިބޭނެ ކަމަށާއި އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ މެނޭޖްމަންޓްގެ އިރުޝާދުގެ ދަށުން ހާޒިރުވެވޭނެ އެވެ.
ބަންދުކުރަން ނިންމާފައިވާ 15 ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ނުބެލާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން އަންނާތީ އެޗްއީއޯސީއިން ވަނީ މާދަމާ އިން ފެށިގެން ފިޔަވަޅުތައް ހަރުކަށިކުރަން ނިންމާފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ. އޭގެތެރޭގައި ސަރުކާރު އޮފީސްތައް ބަންދުކުރުމާއި، ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ދުއްވާއެއްޗެހި ދުއްވުން މަނާ ކުރުމާއި ސުކޫލުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުން ހިމެނެ އެވެ. އަދި ކުޅިވަރު ކުޅޭ މައިޒާން ތަކާއި ޕާކުފަދަ ތަންތަން ބަންދުކުރުމާއި ހުއްދަ ނުނަގައި ރަށްރަށަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ.