ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުނުކޮށް އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ސަރުކާރުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލު އަނބުރާ ގެންދިއުމަށް، ރާއްޖެއާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދިހަ ޖަމިއްޔާއަކުން މިއަދު ގޮވާލައިފި އެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ފަހުން ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނޭ، މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކަށް މަރުގެ އަދަބު ދެވޭގޮތަށް އޮތް މާއްދާތައް އުވާލައި، މަރުގެ އަދަބު ތަންފީޒުނުކުރުމުގެ ސިޔާސަތު ދަމަހައްޓައި، އެ އަދަބު މުޅިން އުވާލުމަށް މަސައްކަތް ކުރުމަށްވެސް ކަމާބެހޭ ފަރާތްތަކަށް މި ޖަމިއްޔާތަކުން އިލްތިމާސްކޮށްފައިވެއެވެ.
މި ގޮވާލުމުގައި ބައިވެރިވާ ޖަމިއްޔާތަކަކީ އެޑްވޮކޭޓްސް ފޯ ހިއުމަން ރައިޓްސް، އެންޓި-ޑެތު ޕެނަލްޓީ އޭޝިއާ ނެޓްވޯކް، ކެޕިޓަލް ޕަނިޝްމަންޓް ޖަސްޓިސް ޕްރޮޖެކްޓް، އީސީޕީއެމް (ޓުގެދަރ އެގެއިންސްޓް ދަ ޑެތު ޕެނަލްޓީ)، އިންޓަނޭޝަނަލް ފެޑަރޭޝަން ފޯ ހިއުމަން ރައިޓްސް، ހާމް ރިޑަކްޝަން އިންޓަނޭޝަނަލް، ހިއުމަން ރައިޓްސް ވޮޗް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް، ޕާލިމަންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން އަދި ވޯލްޑް ކޯލިޝަން އެގެއިންސްޓް ދަ ޑެތު ޕެނަލްޓީ އެވެ.
މަރުގެ އަދަބާ ގުޅޭގޮތުން ހުށަހަޅާ މި ގާނޫނަކީ، 2006 ވަނަ އަހަރު ރާއްޖެއިން ބައިވެރިވެފައިވާ 'އިންޓަނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް' (އައިސީސީޕީއާރް) ގެ ދަށުން ރާއްޖެއިން އުފުލަންޖެހޭ ބައިނަލްއަގުވާމީ އިލްތިޒާމުތަކާ ހިލާފު ކަމެއްކަމަށް އެ ޖަމިއްޔާތަކުން ބުނެއެވެ. މީގެ އިތުރުން، މަރުގެ އަދަބު ކުރިމަތިވެފައިވާ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، މަރުގެ އަދަބު ދެވޭ ކުށްތައް މަދުކުރުމަށް ބާރުއަޅާ އދ. ގެ އާންމު މަޖިލީހުގެ ނިންމުންތަކާވެސް މިކަން ފުށުއަރަ އެވެ. މި ޖަމިއްޔާތަކުން ވަނީ އެއްވެސް ހާލަތެއްގައި އަދި އެއްވެސް ކުށެއްގައި މަރުގެ އަދަބު ދިނުމާ ދެކޮޅުކަން ހާމަކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު 23 މާޗު 2026 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމަށް މަގުފަހިކުރުމުގެ ބިލެއް މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ހުށަހެޅުމަށް ސަރުކާރުން ގަސްދުކުރާ ކަމަށެވެ. މި ބިލު ފަރުމާކުރުމުގެ ފަހުގެ މަސައްކަތްތައް އެޓާނީ ޖެނެރަލްގެ އޮފީހުން ކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ބިލު ތަސްދީގުވުމާއެކު، ރާއްޖޭގެ އަދުލު އިންސާފުގެ ހުރިހާ މަރުހަލާއެއް ނިމި، މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ މައްޗަށް އެ އަދަބު ލަސްކުރުމެއް ނެތި ތަންފީޒުކުރެވޭނެ އެވެ.
މި ފިޔަވަޅުތަކަކީ 6 ޑިސެމްބަރު 2025 ގައި ތަސްދީގުކުރެވުނު މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ގެނައި އިސްލާހުތަކަށް ފަހު އަޅަމުންދާ ފިޔަވަޅުތަކެކެވެ. އެ އިސްލާހުތަކުގެ ދަށުން، ގިނަ އަދަދެއްގެ މަސްތުވާތަކެތި (މިސާލަކަށް 350 ގްރާމަށްވުރެ ގިނަ ކެނަބިސް ނުވަތަ 250 ގްރާމަށްވުރެ ގިނަ ޑައިމޯފިން) އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެއެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނަށް މި ބަދަލުތައް ގެނައުމުގެ ކުރިންވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ އެފަދަ ބަދަލުތަކެއް ނުގެނައުމަށާއި، މަރުގެ އަދަބު އުވާލުމަށް މަސައްކަތް ކުރުމަށް ސަރުކާރަށާއި މަޖިލީހަށް ގޮވާލާފަ އެވެ.
އައިސީސީޕީއާރް ގެ 6 ވަނަ މާއްދާގެ ދަށުން، ކުރިން މަރުގެ އަދަބު ކަނޑައެޅިފައި ނުވާ ކުށްތަކަށް އެ އަދަބު އަލުން ތައާރަފުކުރުމަކީ މަރުގެ އަދަބު އުވާލުމަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތާ ހިލާފު ކަމެކެވެ. އަދި އދ. ގެ މާހިރުންގެ ނަޒަރުގައި މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކަކީ އެންމެ ނުރައްކާތެރި ކުށްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫނެވެ.
ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމުގައި ކޮރަޕްޝަނާއި ސިޔާސީ ނުފޫޒު އޮތްކަމަށް ބުނެ، މިފަދަ ގާނޫނެއް ފާސްކުރުމަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ނުހަނު ކަންބޮޑުވާ ކަމެކެވެ. ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުނުކޮށް އޮންނާތާ 1954 އިން ފެށިގެން 70 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އަލުން އެ އަދަބު ދޭން ފެށުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުން މަރުގެ އަދަބު އުވާލަމުންދާ މިދަނޑިވަޅުގައި އެކަމާއި ދެކޮޅަށް އެޅޭ ފިޔަވަޅެއްކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފައިވެއެވެ.
އެހެންކަމުން، ބައިނަލްއަގުވާމީ މިންގަނޑުތަކަށް އިހުތިރާމުކޮށް، މަރުގެ އަދަބާ ގުޅޭ ބިލު އަނބުރާ ގެންދިއުމަށާއި، މަޖިލީހުންވެސް އެފަދަ ބިލެއް ބަލައިނުގަތުމަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފަ އެވެ.
ރައްޔިތުންގެ ޝަކުވާ ހުށަހަޅާނެ އިދާރާއެއް އުފައްދައިފި
ހަނގުރާމައިގެ ތެރޭގައި ވެސް ވޯލްޑް ކަޕްގައި އީރާން ކުޅޭނެ: ފީފާ
ދިރާގުން ދޭ އައިފޯން 17 ޕްރޯ މެކްސްގެ ނަސީބުވެރި ފަރާތް ހޮވައިފި