އީރާނުގެ ބަނދަރުތައް ހިސާރުކުރުމަށް އެމެރިކާއިން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅިގެން، ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް މިހާރު ކުރިން އޮތް ހާލަތަށް ރުޖޫއަވެފައިވާ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފި އެވެ.

އައިއާރްޖީސީގެ ޖޮއިންޓް މިލިޓަރީ ކޮމާންޑުން ބުނެފައިވާ ގޮތުގައި، ހިސާރުކުރުން ކަމަށް ބުނެ އެމެރިކާއިން ދަނީ ކަނޑުފޭރުމާއި އުޅަނދުފަހަރު އަތުލައިގަތުމުގެ އަމަލުތައް ހިންގަމުންނެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ، އައިއާރްއައިބީ އިން ރިޕޯޓްކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި ސަބަބަށްޓަކައި ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް މިހާރު ކުރިން އޮތް ހާލަތަށް ބަދަލުކޮށްފައިވާ ކަމަށާއި، މި މުހިންމު ކަނޑުގެ ސަރަޙައްދު މިހާރު އޮތީ އީރާނުގެ ސަލާމަތީ ބާރުތަކުގެ ވަރުގަދަ ބެލުމުގެ ދަށުގައި ކަމަށެވެ.

އަދި އީރާނުން ފުރައިގެންދާ އުޅަނދުފަހަރަށާއި އީރާނަށް އަންނަ އުޅަނދުފަހަރަށް އެއްވެސް ހުރަހެއްނެތި ދަތުރުކުރުމުގެ ފުރުސަތު އެމެރިކާއިން ފުރިހަމައަށް ހުޅުވާލަންދެން، ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް މިގޮތުގައި ދަމަހައްޓާނެ ކަމަށްވެސް އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނާއެކު ކުރަންޖެހޭ މުއާމަލާތްތައް ސައްތައިން ސައްތަ ފުރިހަމަވަންދެން، ކަނޑުގެ މަގުން ހިންގާ ބްލޮކޭޑްތައް އެންމެ ފުރިހަމަ ބާރާއެކު ކުރިއަށްދާނެ ކަމަށެވެ.

މީގެ ކުރިން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެފައިވަނީ، ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިންނާއި، ކުރިން ކަނޑައަޅައި އިއުލާނުކުރެވިފައިވާ މަގުން، ހުރިހާ ވިޔަފާރި އުޅަނދުފަހަރަކަށް ހޮރްމޫޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.